ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރު ކުރިތާ 2 ދުވަސްފަހުން، އޭނާ ބަންދުން ދޫކޮށްލުމަށް ޕާކިސްތާންގެ ސުޕްރީމް ކޯޓުން އަމުރު ކޮށްފިއެވެ.
ކޮރަޕްޝްންގެ ތުހުމަތުގައި ޕާކިސްތާންގެ ކޯޓެއްގެ ޝަރީއަތުގެ މަޖިލިހުގައި ހުންނަވަނިކޮށް، މިހަފްތާގެ އަންގާރަ ދުވަހު އެގައުމުން އެންޓި ގްރާފްޓް އޭޖެންސީ އިމްރާން ޚާން ހައްޔަރު ކުރުމާއި ގުޅިގެން އެގައުމުގެ އެކި ސަރަހައްދުތަކުގައިވަނީ ބޮޑެތި ހަމެނުޖެހުތަކެއް ހިގަން ފަށާފައެވެ.
މިއަދު ސުޕްރިމް ކޯޓުގައި ބޭއްވުނު އިމްރާން ޚާންގެ ބަންދުގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު އުމަރު އަޓާ ބަންޑިއާލް ވިދާޅުވެފައިވަނީ އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، އެ ނިންމުން ބަދަލުކޮށް އޭނާ ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރުވަނީ، ޕާކިސްތާނުގެ ޕަރަމިލިޓަރީ ފޯސްގެ 100 ސިފައިން ކޯޓުގެ ކުޑަދޮރުތައް ތަޅާލުމަށްފަހު ވަދެގަނެ އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ އުސޫލާއި ޚިލާފަށްކަމަށް ދެކެވަޑައިގަންނަވާ ސަބަބުތައްވެސް ބަޔާން ކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވަނީ އެއްވެސް މީހަކު ސުޕްރިމް ކޯޓުގައި ނުވަތަ ހައިކޯޓުގައި އަދި ދަށު ކޯޓުގައި ހުއްޓައިވެސް ހައްޔަރު ކުރެވިގެން ނުވާނެ ކަމުގައެވެ.
އިމްރާން ޚާންގެ ގާނޫނީ ވަކީލުން ކޯޓުގައި ވިދާޅުވެފައިވަނީ، ޝަރީއަތެއް ކުރިޔަށް ދަނިކޮށް އެއްވެސް މީހަކު ހައްޔަރު ކުރެވިގެން ނުވާނެކަމަށެވެ.
"ކޯޓުގެ އެންގުމަށް ބޯލަނބައިގެން ހުއްޓާ އެ އަމަލު ހުއްޓިވިގެނެއް ނުވާނެ،" މިއަދު ޝަރީއަތުގެ މަޖިލިގެ ފަނޑިޔާރުންގެ ބެންޗުގެ އެހެން ފަނޑިޔާރަކު ވިދާޅުވެފައި ވެއެވެ. އެ ފަނޑިޔާރު ވިދާޅުވެފައިވަނީ އިމްރާން ޚާން ހައްޔަރު ކުރުމުގައި އޮތް މައްސަލައަކީ ހައްޔަރު ކުރުމަށް ނެރުނު އަމުރު ނޫންކަމަށާއި، މައްސަލައަކީ އެއަމުރު ތަންފީޒުކުރި ގޮތް ކަމުގައެވެ.
އިމްރާން ޚާން ޕާކިސްތާންގެ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް، އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކުރުމަށްފަހު ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ގެންދަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ