33 އަހަރަށް ފަހު ނަޕޯލީ އަށް އިޓަލީގެ ޗެމްޕިއަންކަން

33 އަހަރަށް ފަހު ނަޕޯލީ އަށް އިޓަލީގެ ޗެމްޕިއަންކަން

33 އަހަރަށްފަހު އިޓާލިއަން ލީގުގެ ތަށި ނަޕޯލީން ކާމިޔާބުކޮށްފިއެވެ.

ނަޕޯލީއިން އެންމެ ފަހުން މިތަށި އުފުލާލާފައިވަނީ އާޖެންޓީނާގެ ކުރީގެ ތަރި އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާކަމުގައިވާ އާޖެންޓީނާގެ ޑިއެގޯ މެރަޑޯނާ އެޓީމަށް ކުޅުނު ދުވަސްވަރު 1990 ވަނަ އަހަރުއެވެ.

ނަޕޯލީއާއިން ސެރީއާގެ ތަށި މިކާމިޔާބު ކުރެވުނީ އުދިނޭސީ އާއި ރަށުން ބޭރުގައި ކުޅުނު މެޗް އެއްލަނޑު އެއްލަނޑުން އެއްވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު ޕޮއިންޓް ތާވަލްގައި 16 ޕޮއިންޓްގެ ލީޑެއް ލިބުމާއެކުއެވެ. ލީގުގައި މިހާރު ކޮންމެ ޓީމަކަށް ފަސް މެޗް ބާކީ އޮތުމުން ދެވަނައިގާ އުޅޭ ލާޒިއޯއަށް ކުރިއަށް އޮތް ފަސް މެޗް ކާމިޔާބު ކުރި ނަމަވެސް ނަޕޯލީ އާއި އަރާ ހަމައެއް ނުކުރެވޭނެއެވެ. އުދިނޭސީގެ ދަނޑުގައި ކުޅުނު މިމެޗްވެސް ވެގެންދިޔައީ ފަހަކަށް އައިސް ނަޕޯލީ ކުޅުނު މެޗްތަކެކޭ އެއްގޮތަށް އެޓީމްގެ ސަޕޯޓަރުން ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު މެޗަކަށެވެ.

މިމެޗް ބަލާލުމަށް 10 ހާހެއްހާ ސަޕޯޓަރުން އުދިނޭސީގެ ދަނޑަށް ދިޔައިރު ނޭޕްލްސްގައި ހުރި ނަޕޯލީގެ ދަނޑު، ސްޓާޑިއޯ ޑިއޭގޯ އަރަމަންޑާ މަރަޑޯނާގައި ވަނީ ބޮޑު ސްކްްރީން ބަހައްޓައިގެން މިމެޗް ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ އުދިނޭސީއިންނެވެ. މިލަނޑު މެޗްގެ 13 ވަނަ މިނެޓްގައި ސަންޑީ ލޮވްރިޗް އުދިނޭސީއަށް ކާމިޔާބު ކޮށްދިނުމާއެކު ނަޕޯލީގެ ސަޕޯޓަރުންނަށް ހާސްކަން އިތުރު ވެގެންދިޔައެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ނަޕޯލީއަށް މާރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. މިމެޗްގައި ނަޕޯލީގެ ސަޕޯޓަރުންނަށް ހިނިތުންވުން ގެނެސްދިނީ މެޗްގެ 52 ވަނަ މިނެޓްގައި އެޓީމްގެ ގޯލާ ރައްޓެހި ފޯވަޑް ވިކްޓަރ އިސިމްހޭން ޖަހާދިން ލަނޑާއެކުއެވެ. މިލަނޑާއެކު ދަނޑަށް ވަދެތިބި ނަޕޯލީގެ ސަޕޯޓަރުންގެ އިތުރުން ނޭޕްލްސްގައި ތިބި އެޓީމްގެ ސަޕޯޓަރުންގެ އުފާފާޅުކުރުންތައް ފެށިގެންދިޔައެވެ. އަދި ނަޕޯލީގެ ކުޅުންތެރިންވަނީ މިލަނޑާއެކު މެޗްގެ ބާކީ ބައި އެޓީމުން ކޮންޓްރޯލް ނަގާ އިތުރު ހާސްކަމެއް ކުރިމަތިވިޔަ ނުދީ އެގޮތުގައި އޮވެ ނިންމާލާފައެވެ.

މިކާމިޔާބީއާއެކު ނަޕޯލީއަށް ވަނީ 33 މެޗުން 80 ޕޮއިންޓް ލިބިފައެެވެ. އަދި ދެވަނައިގާ އުޅޭ ލާޒިއޯއަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. އެހެން ކަމުން ނަޕޯލީއަށް މިހާރު މިވަނީ ސްކުޑެއްޓޯ ކާމިޔާބު ކުރެވިފައެވެ. މިމެޗްގެ ރެފްރީގެ ފަހު ކަށިގަނޑާއެކު މެޗް ބަލަން ދަނޑަށް ވަދެތިބި ނަޕޯލީގެ ސަޕޯޓަރުން ވަނީ ދަނޑުމައްޗަށް އަރާ އުފާ ފާޅުކުރަން ފަަށާފައެވެ. އަދި ނަޕޯލީގެ ދިގު އިންތިޒާރު ނިމުމަކަށް އައުމާއެކު ނޭޕްލްސްގައިވެސް ވަނީ ނަޕޯލީ ސަޕޯޓަރުންގެ އުފާފާޅުކުރުންތައް ފެށިފައެވެ. މިގޮތުން ނަޕޯލީގެ ދަނޑުގެ އިތުރުން އެރަށުގެ މަގުތަކުގައިވެސް އެކްލަބްގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *