ފުރަތަމަ ހާފްގެ ފުރަތަމަ 21 މިނިޓްގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑުން ޓޮޓެންހަމް ކޮޅަށް ފަސް ލަނޑު ޖަހާ ބޮޑު ބައްޔަކުން ބަލިކޮށްފިއެވެ.
ފުރަތަމަ ހާފްގެ ފަސް ލަނޑާއި, ދެވަނަ ހާފްގެ އެއް ލަނޑާއެކު ނިއުކާސަލްއިން މެޗު ކާމިޔާބުކުރީ 6-1 ނެވެ. ފުރަތަަ ހާފްގައި 5-0 ން ޓޮޓެންހަމް ބަލިވުމަކީ ކްލަބްގެ ތާރީޚުގައިވެސް އެއް ހާފެއްގައި އެންމެ ބޮޑު ބައްޔެވެ.
މެޗުގެ ފުރަތަމަ ނުވަ މިނިޓް ތެރޭގައި ނިއުކަސަލްއިން ތިން ގޯލް ޖެހިއެވެ. އޭގެތެރެއިން ދެ ގޯލް ޖެހީ މާފީއެވެ. ދެން ލަނޑު ޖެހީ ޖޮއެލިންޓަންއެވެ. ފުރަތަމަ ހާފްގައި ނިއުކާސަލްގެ ފަހު ދެ ލަނޑު ޖެހީ އިސާކްއެވެ. އޭނާ ދެ ލަނޑު ޖެހީ ތިން މިނިޓްގެ ތެރޭގައެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނިޓްގައި ހެރީ ކޭން ލަނޑެއް ޖެހިނަމަވެސް ނިއުކާސަލްގެ ބޮޑު ލީޑްގެ ކުރިމަތީގައި އެއީ ހިތްވަރަކަށް ނުވިއެވެ. ނިއުކާސަލްއިން އިތުރު ފުރުޞަތެއް ނުދީ ހަވަނަ ލަނޑު ޖެހީ 67 ވަނަ މިނިޓްގައި ވިލްސަންއެވެ.
މިނަތީޖާއާއެކު ނިއުކާސަލްއިން ގަދަ ހަތަރެއްގެ ޖާގަ ކަށަވަރުކުރަން ބޮޑު ޔަޤީންކަމެއް ހޯދިއިރު, ފަސްވަނާގައި އޮތް ޓޮޓެންހަމްގެ އުއްމީދު ވަނީ ފަނޑު ވެފައެވެ. މެޗުން މޮޅުވެ ނިއުކާސަލް ޔުނައިޓެޑް މިހާރު އޮތީ 59 ޕޮއިންޓާއެކު ތިންވަނާގައެވެ. އެއީ 31 މެޗުންނެވެ. މެންޗެސްޓަރ ޔުނައިޓެޑް ހަތަރު ވަނާގައި އޮތީވެސް ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު ޔުނައިޓެޑް ކުޅެފައިވަނީ 30 މެޗެވެ. ޓޮޓެންހަމް ފަސް ވަނާގއި އޮތީ 53 ޕޮއިންޓާއެކުއެވެ. އެއީ 32 މެޗުންނެވެ.