ސަރުކާރުން ކޮތަޅުނަށް ނަގާ ފީ ބޮޑުކުރުމަށް ނިންމައި، ގެނައި ބަދަލާއިއެކު އާންމު ރައްޔިތުންގެ އަތުން ހޭދަވާ ފައިސާގެ އަދަދު ކުޑަކުރުމަށް ސަރުކާރުން މިންމާފައިވާ ނިންމުން އަލުން މުރާޖާ ކުރަން ޖެހޭކަމަށް ދީނި އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތަސްދީޤު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ. މިނިންމުމަށް އިއްޔެއިން ފެށިގެން ވަނީ އަމަލު ކުރަން ފަށާފައެވެ. މިބަދަލާއިއެކު ގިނަ ބައެއްގެ ފާޑުކިއުންވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވީ ކޮތަޅުން ބޮޑު ފީއެއް ނެގުމަށް ސަރުކާރުން ނިންމި ނިންމުމަކީ އޭގައިން ގިނަ އާންމު ރައްޔިތުންނަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ ކަމެއްކަމަށެވެ. އާއިލާތަށް އިތުރަށް ނިކަމެތި ކުރުމަށްޓަކައި ނިންމާ މިފަދަ ނިންމުންތައް އަލުން މުރާޖާ ކުރުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއްކަމަށް ޒައިދު ވިދާޅުވިއެވެ.
ކޮތަޅާ ބެހޭ މި ނިންމުން އަލުން މުރާޖަޢާ ކުރަންޖެހޭ! ކޮންމެ ކޮތަޅަކަށް ރައްޔިތުމީހާ 5 ރުފިޔާ ދެއްކުމަކީ ޢާއިލާތައް އިތުރަށް ބިކަވާނެ ކަމެއް! ޢާންމުންނަށް ނޫފުލޭ ތަކުލީފު ނުޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން! ވަރަށް ދެރަކަންކަން މިހުންނަނީ!
– ޒައިދު ވިދާޅުވިއެވެ.
ކޮންމެ ކޮތަޅަކަށް ސަރުކާރަށް 2ރ. ދައްކަން ގާނޫނު ބުނި އިރު، ކުރިން ހިލޭ ލިބުނު ކޮތަޅަކަށް އާންމު މީހާ 5ރ. ދައްކަން ޖެހެއެވެ. ރާއްޖެ އަކީ، ދިރިއުޅުމުގެ އާދަތައް އޮތްގޮތުން ޕްލާސްޓިކް ކޮތަޅާ ނުލައި އުޅެވެން ވެސް އޮތް ގައުމެއް ނޫނެވެ. އަދި، ތިމާވެއްޓަށް ކިތަންމެ ލޯބި ކުރިޔަސް ޕްލާސްޓިކް އެއްކޮށް މުޅިން ދޫކޮށްލެވޭކަށް ވެސް ނެތެވެ. ދިރިއުޅުމާ ގުޅިފައިވާ ކަންކަމުގައި ޕްލާސްޓިކް މަދުކުރެވުނަސް، ޕްލާސްޓިކް ކޮތަޅާ ނުލައި އުޅެވޭނެ ގޮތެއް ނެތީ، އެ ވަސީލަތްތައް ރާއްޖޭގައި ނެތީމައެވެ. އެހެންވެ، ގާނޫނަށް ގެނައި ބަދަލާ އެކު އާންމުންނަށް އަނެއްކާ ވެސް ވަނީ އިތުރު ބުރަޔަކާ ކުރިމަތިލާން ޖެހިފައެވެ.
ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ