މަޢުލޫމާތު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ވެމްކޯގެ ހިދުމަތް މެދު ކަނޑާލާނެ

މަޢުލޫމާތު ފުރިހަމަ ނުކުރާ ފަރާތްތަކުގެ ވެމްކޯގެ ހިދުމަތް މެދު ކަނޑާލާނެ

Author
އަޒްފާ ރަޝީދު
29 މާރޗް 2023 09:59
0

ވެމްކޯއިން ހިދުމަތް ފޯރުކޮށްދޭ ގޭބިސީތަކާއި ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް އަދި ވިޔަފާރި ކުންފުނިތަކާއި އެކިއެކި މުއައްސަސާތަކުން ޚިދުމަތަށް ނަގާ ފީ، 1 އޭޕްރިލް 2023 އިން ފެށިގެން ސްޓެލްކޯގެ ކަރަންޓު މީޓަރު ތަކުގެ ބިލުގައި ހިމަނައިގެން ފީ ނެގުމަށް ނިންމާފައިވާތީ މައުލޫމާތު އަޕްޑޭޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވެމްކޯއިން ބުނީ އާންމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ވާނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރ އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް ވެމްކޯއަށް ހުށަހެޅުމަށް އެދޭކަމަށެވެ. 

 މީގެ އިތުރުން، ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓަވާ ފަރާތްތަކުން "ޕްރައިމަރީ މީޓަރ އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ވެމްކޯއަށް ހުށަހެޅުމަށްވެސް ވެމްކޯއިން އެދެއެވެ.

އަދި މިވަގުތު ވެމްކޯގެ ޚިދުމަތް ހޯއްދަވާ އެކިއެކި މުވައްސަސާތަކާއި ވިޔަފާރިތަކާއި ހިއްސާކޮއްފައިވާ "އިންފޮމޭޝަން އަޕްޑޭޓް ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު 6 އޭޕްރީލް 2023 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެމްކޯއަށް ހުށަހަޅަން ޖެހޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މުއްދަތުގައި މި މައުލޫމާތު ހުށަނާޅާ ފަރާތްތަކުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމުގައިވެސް ވެމްކޯއިން ބުނެއެވެ.

މި ފޯމުތައް އެ ކޯޕަރޭޝަނުގެ ވެބްސައިޓް މެދުވެރިކޮށް ހުށައެޅޭނެ ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތު ކުރިއަށްއޮތް ދުވަސްތަކުގައި ވެމްކޯގެ މީޑިއާ ޕްލެޓްފޯމްތަކުގައި އާންމު ކުރާނެ ކަމަށާއި، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ވެމްކޯގެ ހޮޓްލައިން 1666 މެދުވެރިކޮށް ލިބޭނެކަމަށް ކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.