މިހާރު ވެރިކަން ކުރަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގައި ހުންނެވި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު މަޤާމުން ވަކި ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޝިފާޒް ހަމަޖެއްސީ ނޮވެމްބަރު 22، 2018 ގަ އެވެ. އެކަމަކު އޭނާ މިއަދު މަގާމުން ވަކިކުރިިއިރު އޭނާ އޮފީހަށް ނުނިކުންނަވާ ކަމަށް ބުނެ މައްސަލަ އޮތީ ބޮޑުުވެފައެވެ.
ޝިފާޒު މަޤާމުން ވަކި ކުރެއްވުމާއި ގުޅިގެން އީވާ ވިދާޅުވީ ރައީސް ޞާލިހަށް މަޤާމުގައި ދެމި ހުންނެވެނީ ޝިފާޒު ފަދަ އެމްޑީޕީގެ އެތައް ބަޔަކު ވީ ގުރުބާނީންކަމަށެވެ. މިއަދު އެގުރުބާނީ ވީމީހުންގެ މަތިން ހަނދާން ނައްތާލައި ހިތުހުރިހާ ގޮތަކަށް ކަންކަން ކުރެއްވުމަކީ ވެރިކަން ބަލިކަށި ވަމުންދާކަމުގެ ހެއްކެތްކަމަށް އީވާ ވިދާޅުވިއެވެ.
MDP ނެގެހެއްޓުމަށް ނުހަނު ދައްޗާއި އަނިޔާގައި ޝީފާޒު ކުރެއްވި ގަދަފަދަ މަަސައްކަތް އަގުނުކުރެވޭނެ. ރައީސް ސާލިހަށް މަޤާމުގައި ހުންނެވެނީ އެފަދަ އެތައް ބައެއްގެ ހިންމަތުންކަން ހަނދާން ނައްތައި، މަޤާމުން ވަކިކުކުރުމަކީ ވަރަށް ދެރަވަރު ކަމެއް. ސަރުކާރު ބަލިކަށިވެ ގޮތް ހުސްވަނީ!
– އީވާ ވިދާޅުވިއެވެ.
މަގާމުން ވަކިކުރުމާ އެކު ޝިފާޒް ދިފާއުކުރައްވައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އެދިވަޑައިގަތީ ކަންބޮޑުވެވަޑައިނުގަތުމަށެވެ. އޭނާގެ މަސައްކަތްތައް ފާހަގަކުރައްވައި، މުސްތަގުބަލު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައިވާއިރު ޝިފާޒަކީ ނަޝީދުގެ ފަޅީގައި ހުންނެވި ބޭފުޅެކެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރެއްވިއިރު ވެސް ޝިފާޒު ތާއީދުކުރެއްވީ ނަޝީދަށެވެ.
ޝިފާޒު މަގާމުން ވަކިކުރެއްވިއިރު އެސްޓީއޯގެ އެމްޑީއަކަށް ހުންނެވި ހުސެއިން އަމްރު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭނާއަކީ ވެސް ނަޝީދު ފެކްޝަނުގައި ހުންނެވި ބޭފުޅެކެވެ.
ކޮމެންޓު ފޮނުވާ