އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައުމަށް މަސައްކަތް ކުރިއިރު އެޕާޓީއާއި ދާދިފަހުން ގުޅުނު މޫސާ މަނިކު ހުންނެވީ ކޮންތާކުތޯ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަހުމަދު ސައުދު ސުވާލު ކުރައްވައިފިއެވެ.
ސައުދު މިހެން ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ވެރިން ދަނީ އެމްޑީޕީ ރޫޅާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެމުން ކަމުގައި މޫސާ ކުރެއްވި ތުހުމަތާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެމްޑީޕީގެ ނަޝީދުގެ ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު އެމަނިކުފާނުގެ މަންދޫބުންގެ ގޮތުގައި އެމްޑީޕީ ތަމްސީލުކުރާ ގޮތަށް ޖޭޕީއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމާއި ގުޅިގެން މޫސަގެ ނުރުހުން ވަނީ ޖޭޕީއަށް އަމާޒުވެފައެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އެއަމަލަކީ ބަޣާވާތަކާއި ވައްތަރުކަމަށެވެ.
މޫސަގެ ވާހަތަކާއި ގުޅިގެން ޖޭޕީގެ ނައިބް ލީޑަރު ސައުދު ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައުމަށް 2028 ވަނަ އަހަރު ބުރަ މަސައްކަތް ކުރިއިރު، ކަރުން ނާރުނަގައި ހަޅޭލަވަން މޫސަ ހުރީ ކޮންތާކުތޯ ފުރަތަމަ ބަލައިލުން ރަނގަޅުކަމަށެވެ. މިއަދު އެމްޑީޕީއާއި ގުޅި ވާހަކަ ދައްކަވާއިރު، ތިމާ ހުރިތަން ފުރަތަމަ ބަލައިލުމަކީ މުހިންމު ކަމެއްކަމަށް ސައުދު ވިދާޅުވިއެވެ.
2018 ގައި ވެރިކަމަށް އަންނަން އެމްޑީޕީންކުރި ބުރަ ދަތި އުނދަގޫ މަސައްކަތް ކުރިއިރު ރީކޯ މޫސަ ކަރުން ނާރުނަގައި މާފެލެން ހުރީ ކޮންތާކު. ހުރި ކޮން ކުލައެއްގެ ޕޯޑިއަމެެއްގައި ތޯ އަމިއްލަ ނަފުސާ ސުވާލު ކޮށްލުމަށްފަހު މިވާހަކަ އާންމު ފޯރަމްތަކުގައި ރަނގަޅަށް ދައްކާލަމާ ދެއްތޯ!
– ސައުދު ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ ސަރުކާރުގެ ކޯލިޝަންގެ މެމްބަރަކަށް ޖޭޕީވި ނަމަވެސް ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން އެ ޕާޓީން އެއްބަހެއް ނުވި އެވެ. އޭގެ ބަދަލުގައި ޖޭޕީން ނިންމީ އެ ޕާޓީ އިސްވެ އޮވެ ހަދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބަށް ނިކުތުމަށެވެ.
ޖޭޕީން އެމްޑީޕީއާއި ކޯލިޝަން ހެދުމަށް އެއްބަސް ނުވުމުން އެމްޑީޕީގެ ރައީސް ޞާލިހަށް ތާއީދުކުރާ ބޭފުޅުން ދަނީ ޖޭޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކޮމެންޓު ފޮނުވާ