ފާޅުކަން ބޮޑު ގޮތެއްގައިވެސް އަނިޔާކުރަން ކެރެނީ އިންސާފުގެ ދޯދިޔާކަމުން: ރޮޒައިނާ

ފާޅުކަން ބޮޑު ގޮތެއްގައިވެސް އަނިޔާކުރަން ކެރެނީ އިންސާފުގެ ދޯދިޔާކަމުން: ރޮޒައިނާ

Author
އަޒްފާ ރަޝީދު
22 މާރޗް 2023 04:42
0

ފާޅުކަން ބޮޑު ގޮތެއްގައި ބިރެއްނެތި މީހުންނަށް ބޮޑެތި އަނިޔާތައް ކުރަން ކެރެނީ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގައި ހުރި ދޯދިޔާކަމުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ގދ. މަޑަވެލީގައި ފިރިހަނަކު، އަންހެނަކަށް އަނިޔާކޮށް މަގުމައްޗަށް ނެރެ ދަމާ ކޫއްތައިގެން މަގުމަތީގައި ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވަގުތެއްގައި މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒައިނާ ވިދާޅުވީ ބިރެއްނެތި މީހުންނަށް މިފަދަ އަނިޔާތައް ކުރަން ކެރެނީ ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލާތީ ކަމަށެވެ.

“ދެން 200 ރުފިޔާއިން ޖޫރިމަނާ ކޮށްފަ މި މީހާ ދޫކޮށްލާނީ އެއް ނޫން. މިހިރީ ވާ ވަރަށް ހެކި ފެންނަން” ރޮޒައިނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމުގައި ހުރި "ދޯދިޔާކަން" ހާމަކުރައްވާ ރޮޒައިނާ ވިދާޅުވީ މިއީ މުޖްތަމައުއަށް ނުރައްކާތެރި މީހުން ކަމަށާއި މި މައްސަލައިގައި އިންސާފު ލިބެން ޖެހޭ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާއަށް މަޑަވެލީ ސިއްހީ މަރުކަޒުން ފަރުވާ ދީފައި ވާއިރު، އެމީހާ މިހާރުވަނީ އެ ރަށުން ފުރުވާލާފައެވެ.

މި މައްސަލައާއި ގުޅިގެން 33 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.