އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މިރޭ އާލިން ބްރައުޓް ހާލަންޑްގެ ހެޓްރިކާ އެކު، 6-0 އިން ބާންލީ ބަލިކޮށް މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި މެޗުގައި ހާލަންޑް ޖެހި ގޯލުތަކާ އެކު އޭނާ މި ވަނީ ޑޯޓްމަންޑް ދޫކޮށް މި ސީޒަނުގައި ސިޓީއާ ގުޅުނު ފަހުން، އެ ޓީމަށް ކުޅެދިން 37 މެޗުން 42 ލަނޑު ޖަހައިފައެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެކަނި ވެސް ހާލަންޑް މި ވަނީ އާރްބީ ލައިޕްޒިގާއި ބާންލީ ކޮޅަށް ޖުމްލަ އެކު، އަށް ގޯލު ޖަހައިފައެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 32 ވަނަ މިނިޓްގައި ހާލަންޑް، ސިޓީ އަށް ލީޑުނަގައިދިނީ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކަށް އަރައި، ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ތިން މިނިޓް ފަހުން، ހާލަންޑް ވަނީ ސިޓީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ފިލް ފޯޑެން ދިން ބޯޅައަކަށް ހުސްކޮށް އަރައި ހާލަންޑް ޖެހި ގޯލެކެވެ. ހާލަންޑް، ހެޓްރިކް ފުރިހަމަަކުރީ މެޗުގެ 59 ވަނަ މިނިޓްގަ އެވެ. ފޯޑެން ޖެހި ޝޮޓެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ހާލަންޑް ވަނީ ރީބައުންސް ބޯޅަ ގޯލަށް ވައްދާލައިފައެވެ.
ހާލަންޑް ހެޓްރިކް ފުރިހަމަކުރިތާ ތިން މިނިޓް ފަހުން، މެޗުގެ 62 ވަނަ މިނިޓްގައި އަލްވަރޭޒް ވަނީ ސިޓީގެ ހަތަރު ވަނަ ގޯލު ޖަހައިފައެވެ. އޭރިއާތެރެއިން ކެވިން ޑި ބްރޭނާ ދިން ބޯޅަ އަލްވަރޭޒް ވަނީ ފަސޭހައިން ގޯލަށް ފޮނުވާލައިފައެވެ. އޭގެ ހަ މިނިޓް ފަހުން، ކޯލް ޕާމާ ސިޓީގެ ފަސް ވަނަ ގޯލު ޖެހީ ބާންލީގެ ކީޕަރު ބެއިލީ ޕީކޮކް-ފަރެލް އަތުގައި ޖެހިފައި އައި ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. ސިޓީގެ ފަހު ގޯލު ޖެހީ އަލްވަރޭޒްއެވެ. މިއީ ބާންލީގެ ޑިފެންޑަރުން ކައިރިން ދެމިގަތުމަށް ފަހު، އަލްވަރޭޒް ޖެހި ގޯލެކެވެ.
އެފްއޭ ކަޕް ކުއާޓާ ފައިނަލް އަނެއް ތިން މެޗު އޮތީ މިއަދުއެވެ. މެންޗެސްޓާ ޔުނައިޓެޑުން ފުލަމްއާ ކުޅޭއިރު، ހަތަރު ވަނަ ޑިވިޝަންގެ ގްރިމްސްބީ ކުޅޭނީ ބްރައިޓަންއާއެވެ. އަދި ޝެފީލްޑް ޔުނައިޓެޑް ކުޅޭނީ ބްލެކްބާންއާއެވެ.