ހައިމާކެއް ބޭނުންކޮށްގެން އިމްރާން ޚާންގެ ގޭގެ ދޮރު ވައްޓާލާ، ފުލުހުން އޭނާގެ ގެ ބަލާފާސްކޮށްފި

ހައިމާކެއް ބޭނުންކޮށްގެން އިމްރާން ޚާންގެ ގޭގެ ދޮރު ވައްޓާލާ، ފުލުހުން އޭނާގެ ގެ ބަލާފާސްކޮށްފި

Author
ހުސެއިން
18 މާރޗް 2023 08:45
0

ޕާކިސްތާންގެ ލާހޫރުގައި ހުންނަ އިމްރާންޚާންގެ ގޭގެ ދޮރު، ހައިމާކެއްގެ ބޭނުންކޮށްގެން ވައްޓާލާ ފުލުހުން އެގައަށް ވަދެގަނެ، އޭނާގެ ގެ ބަލާ ފާސްކޮށްފިއެވެ.

މިއަދު ކޯޓަށް ހާޒިރުވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އިމްރާން ޚާން ވިދާޅުވެފައިވަނީ، އޭނާގެ ގޭގެ ދޮރު ވައްޓާލުމަށްފަހު، ފުލުހުން އެގެއަށް ވަދެގަނެފައިވަނީ، އޭނާ ކޯޓަށް ހާޒިރުވެފައި ވަނިކޮށް، އަދި އޭނާގެ އަނބިކަބަލުން ގިނިކަންޏާ ގޭގައި އުޅުއްވަނިކޮށް ކަމަށެވެ. އޭނާ ތުހުމަތު ކުރައްވާފައިވަނީ، ފުލުހުން ގަދަކަމުން އޭނާގެ ގެއަށް ވަދެގަނެފައިވަނީ، މިހާރު އިނގިރޭސިވިލާތުގައި ހުންނެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ވެރިކަމަށް ގެނައުމަށް ރާވަމުންދާ ރޭވުންތަކުގެ ދަށުން ކަމުގައެވެ.

ބައެއް ވޯޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ފުލުހުން ލާހޫރުގައި ހުންނަ އިމްރާން ޚާންގެ ގޭގެ ދޮރު ހައިމާކެއް ބޭނުންކޮށް ވައްޓާލާފައިވަނީ، ފުލުހުން އެގެއަށް ވަނުމަށް އިމްރާން ޚާންގެ ސަޕޯޓަރުން ހުރަސް އެޅުމާއި ގުޅިގެންނެވެ.

އަދި އިމްރާން ޚާންގެ ޕާޓީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ، އޭނާގެ ސަޕޯޓަރުންނާއި ދެކޮޅަށް ފުލުހުން މުގުރާއި ކަރުނަގޭސް ބޭނުންކުރަމުންދާ މަންޒަރު ފެނިފައެވެ.

އިމްރާން ޚާމް މިއަދު ކޯޓަށް ހާޒިރުވެފައިވަނީ، ފާއިތުވި ހަފްތާގައި އޭނާ ހައްޔަރު ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައިވެސް އޭނާގެ ސަޕޯޓަރުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުން ހިގާފައި ވަނިކޮށެވެ. ފުލުންހުން އޭނާ ހައްޔަރު ކުރުމަށް މަސައްކަތް ކޮށްފައިވަނީ އޭނާ ކޯޓަށް ހާޒިރުވެފައި ނުވާކަމަށް ބުނެއެވެ. އެހެންނަމަވެސް ފަހުން ކޯޓުންވަނީ އިމްރާން ޚާން ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަން ހުއްޓާލުމަށް ފުލުހުންނަށް ފަހުން އަމުރު ކޮށްފައެވެ.

މިއަދު ކޯޓަށް ހާޒިރު ވުމަށްފަހު، އިމްރާން ޚާންގެ ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ، އޭނާ ހައްޔަރު ކުރުމަށް ކޯޓުން ކޮށްފައިވާ އަމުރު މިހާރު ބާތިލް ކޮށްފައިވާ ކަމުގައެވެ. އަދި މިމަހުގެ 30 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމަށް އަންގާފައި ވާކަމަށްވެސް ބުނެފައި ވެއެވެ.

އިމްރާން ޚާންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ، 2018 އިން 2022 އަށް އޭނާ ބޮޑުވަޒީރުކަމުގެ މަގާމްގައި ހުންނަވަނިކޮށް ބޭރުގެ އިއްޒަތްތެރިން ދީފައިވާ ބައެއް ހަދިޔާތަށް ގަވާއިދާ ޚިލާފަށް ވިއްކާފައިވާ ކަމުގެ ތުހުމަތުގައެވެ.

ޕާކިސްތާންގެ އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އައުރަންގޒެބް ފާއިތުވެދިޔަ އަަހަރު އާންމު ކޮށްފައިވާ ލިސްޓެއްގައި ވާގޮތުން އިމްރާން ޚާންއަށް ބޭރުގެ އިއްޒަތްތެރިންގެ ފަރާތުން ލިބިފައިވާ ހަދިޔާތަކުގެ ތެރޭގައި، 7 އަތުކުރީ ގަޑި ހިމެނެއެވެ. އޭގެ ތެރޭގައި 300،000 އެމެރިކާ ޑޮލަރުގެ އަގުހުރި ގަޑިއެއްވެސް ހިމެނެއެވެ. އަދި މިލިސްޓުގައި އަގުބޮޑު ސެންޓާއި، ޑައިމަންޑް ޖަހާފައިވާ ގަހަނާ ސެޓްތައްވެސް ހިމެނެއެވެ.

އެހެންނަމަވެސް އޭނާވަނީ މި ހުރިހާ ތުހުމަތުތަކަށްވެސް އިންކާރު ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.