ބޭންކް އޮފް މޯލްޑިވްސް އިން މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އަށް 5 ކޮމްޕިއުޓަރ ސިސްޓަމް ހަދިޔާކޮށްފިއެވެ.
މިއީ އެ ހިޔާގައި ތިބި ކުދިން އޮންލައިންކޮށް ތައުލީމް ހޯދުމަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަމުންދާ މަސައްކަތުގެ ދަށުން އެ ހިޔާ އަށް ހަދިޔާކުރެވުނު ކޮމްޕިއުޓަރތަކެކެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ މިއީ ބޭންކް އޮފް މޯލްޑްވްސް އަށް ލިބުނު ވަރަށްބޮޑު އުފަލެއްކަމަށެވެ. މިފަދަ ކުދިންނަށް އެހީތެރިވުމަކީ ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް ޚާއްސަ އިސްކަމެއް ދީގެން ކުރާނެ ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.
ކުޑަކުދިންގެ ހިޔާއަށް މި ތަކެތި ހަދިޔާކުރެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ކޮމްޕިއުޓަރތައް ހަދިޔާ ކުރެވިފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ސްކޫލްތަކުން ފިލާވަޅުތައް ދިނުން އޮންލައިކޮށް ބަދަލު ކުރުމާ ގުޅިގެން ހިޔާގައި ތައުލީމް ހާސިލްކުރަމުންދާ ކުދިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން. އަޅުގަނޑުމެންގެ އުއްމީދަކީ މި ހަދިޔާކުރެވުނު ކޮމްޕިއުޓަރ ސާމާނުގެ އެ ކުދިންގެ އޮންލައިން ކްލާސްތައް ކުރިއަށް ގެންދިޔުމުގައި އިތުރު އެހީ އަކަށް ވެގެން ދިޔުން. އަދި މީގެ ސަބަބުން އެކުދިންގެ ކިޔެވުމާއި، ހުނަރު ތަރައްގީކުރުމާއި ކަންކަމުގައި ބައިވެރިވުމަށްވެސް އެހީއަކަށް ވެގެން ދިޔުން.
– ސައީދު ވިދާޅުވިއެވެ.
މިއަހަރު ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 10 ރަށެއްގައި ހިންގާ ސްކޫލްތަކުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައެވެ.
ތައުލީމީ ދާއިރާއަކީ ބީއެމްއެލްގެ ސީއެސްއާރު ސްޓްރެޓެޖީގެ މުހިންމު އެއް ދާއިރާކަމަށްވާތީ ބޭންކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުން އަންނަ ޖަމިއްޔާތަކާއި ސްކޫލްތަކާ ގުޅިގެން ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓު ފޮނުވާ