ޓީމު ބަލިވެ ލީގުގެ އެއްވަނަ ގެއްލުމުން ރޮނާލްޑޯ ރުޅިގަދަ ވެއްޖެ

ޓީމު ބަލިވެ ލީގުގެ އެއްވަނަ ގެއްލުމުން ރޮނާލްޑޯ ރުޅިގަދަ ވެއްޖެ

Author
މުޙައްމަދު ޝަޒައިމް
10 މާރޗް 2023 02:28
0

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ އަތުން 1-0 އިން ބަލިވެ އައް ނަސްރު އަށް ލީގުގެ އެއް ވަނަ މަގާމު ގެއްލުމުން އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ރުޅިގަދަ ވެއްޖެއެވެ.

ކުރިން ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާ އަށް ކޯޗު ކޮށްދިން ޕޯޗުގީޒް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ކޯޗު ކޮށްދޭ އިއްތިހާދުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު 80 ވަނަ މިނިޓުގައި ޖަހައިދިނީ، 2012 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕް ގައި ޗެލްސީ ބަލިކުރި ކޮރިންތިއަންސް ޓީމުގައި ހިމެނުނު ބްރެޒިލްގެ ސްޓްރައިކަރު ރޮމާރީނިއޯއެވެ.

މެޗުން ބަލިވުމުން ރޮނާލްޑޯގެ ގާތަށް ރުޅި އަތުވުމުން ޓީމުގެ ކުޅުންތެރިން ވަނީ އޭނާއާއި ވާހަކަ ދައްކަން މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް އޭނާ ވަނީ ދަނޑުމަތީގައި ކުޅުންތެރިންނާއި ވާހަކަ ނުދައްކައި ދަނޑުން ފައިބައިފައެވެ. އަދި ދަނޑުން ފައިބައިގެން ދިޔަ ވަގުތު އެތަނުގައި ހުރި ފެންފުޅިތަކެއްގައި ވެސް ރުޅިގަދަ ވެގެން އޭނާ ފައިން ޖަހައެވެ.

އިއްތިހާދުން ވަނީ މިދިޔަ ޖެނުއަރީ މަހު ސައުދީ ސުޕަ ކަޕް ގެ ސެމީ ފައިނަލް ގައި ވެސް ރޮނާލްޑޯއާ އެކު ކުޅެމުން ދިޔަ ނަސްރު ބަލިކޮށްފައެވެ.

ނަސްރުން ލީގުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ އަބްހާ ކުލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން، އަންގާރަ ދުވަހުގެ ރޭ ސައުދީ ކިންގް ކަޕް ކުއާޓާ ފައިނަލުގައި ހަމަ އެ ޓީމާ ދެކޮޅަށް ނުކުންނާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.