މޮހޮރެއް އިސްތިހާރު ކުރަންވެސް ހެދުން ބާލައިގެން ހުންނަ އަންހެނަކު ނުލައި ހުޅަނގުމީހުންގެ ހިތަށް ހަމަޖެހުމެއް ނުލިބޭ ކަމަށާއި، މިއީ މީގެ ކުރީގައި އުޅުނު ކާފިރުން ވެސް ދަންނަކަމެއް ނޫންކަމުގައި، ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރެވެމުންދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ޒަައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިތުރަތާވެސް ޚިލާފު މިކަންކަން ބައެއް މުސްލިމުންނަށް ރީތިވާތީ އަޖާއިބު ވާކަމުގައެވެ.
އޭނާ ވިދާޅުވީ މިއަދު ނުފޫޒު ގަދަ ހުޅަނގުގެ ގައުމުތަކުން ދަނީ އަންހެނުންގެ ތަރައްޤީއާއި ބާރުގެ ނަމުގައި ވިޔާނުދާ ނުބައި އެތައް ކަމެއް ކުރަމުން ކަމަށާއި، އަންހެނުންނަށް ވިސްނުވައިދެނީ ކުރިއެރުމަކީ އެބައިމީހުންގެ ޢައުރަ ކަޝްފުކޮށް ބާޒާރުގައި ސޭލު އެޅުވުމަށް ކަމަށެވެ.
ޒައިދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރިވެތިކަން އޮތީ އިސްލާމްދީނާއި މިދީނުގެ އުޞޫލުތަކުގައި ކަމުގައެވެ. އަދި އަންހެނުންނަކީ ކޮމޯޑިޓީއެއްގެ ގޮތުގައި އޮތް އޮތުން ހުއްޓުވީވެސް އިސްލާމްދީން ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ އަންހެނުންގެ ފުރިހަމަ މަގާމް ކަށަވަރުކޮށްދިނީ އިސްލާމްދީން ކަމުގައެވެ. އަދި އަންހެނަކަސް ފިރިހެނަކަސް އެންމެ މާތްވަނީ ތަގުވާގެ މީޒާނުންކަން އަންގަވާފަ އޮތީވެސް އިސްލާމް ދީނުގައިކަމަށްވެސް ޒައިދު ވިދާޅުވިއެވެ.
މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރެވޭ އަންހެނުންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން ހޯދާ އިޖުތިމާއީ، އިގްތިސާދީ، ސަގާފީ އަދި ސިޔާސީ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އަދި ޖިންސުގެ ހަމަހަމަކަން، އަންގައިދިނުމާއި އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅިދާނެ ފިޔަވަޅު އެޅުމަށް ގޮވާލުމުގެ މައްޗަށް ވެސް މި ދުވަސް އަލިއަޅުވާލާއިފައި ވެއެވެ. މިއަމާޒަށް ވާޞިލުވުމަށް ޙަރަކާތްތަކާއި، މަޝްވަރާތަކާއި، ހޭލުންތެރިކުރުމުގެ ކެމްޕެއިންތައް ވެސް މިދުވަހުގައި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ބާއްވައެވެ.
ކޮމެންޓު ފޮނުވާ