އަލިފާނުގެ ހާދިސާއެއް ހިނގައި އެނދުމުގެ ސަބަބުން، މ.ތުވަރުގެ ހުޅަނގުން، ރޭ އަޑިއަށްދިޔަ "އާގަލާ" ބޯޓުން ފެންމައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފްއިން އެދިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ މި ބޯޓުން ފެންމައްޗަށް އެރި ތަކެތި އޮޔާ ދަނީ މ. އަތޮޅުކައިރިން އުތުރަށް ކަމުގައެވެ. އެހެންކަމުން މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކޮށްފައި ވެއެވެ. އަދި ރޭގަނޑު މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފްއިން އެދިފައި ވެއެވެ.
ރޭ ދަންވަރު ހިނގި މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ މ. ތުވަރު ކައިރިން ދަތުރު ކުރަމުންދިޔަ "އާގަލާ" ނަމަކަށް ކިޔާ މާލެ ދަތުރުކުރާ ބޯޓުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޭ 02:47 ހާއިރު ކަމުގައެވެ.
އަދި މި ހާދިސާ ހިނގާފައިވަނީ އެ ބޯޓު މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ކަމުގައިވެސް އެމްއެންޑީއެފްއިން ބުނެފައި ވެއެވެ.
އެމްއެންޑީއެފްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވުމުގެ ސަބަބުން އެ ބޯޓުން ދަތުރުކުރި 15 ފަޅުވެރިން (5 ދިވެހިންނާއި، އިންޑިއާ 5 މީހުންނާއި އަދި ބަންގްލަދޭޝް 5 މީހުން) ކަނޑަށް ފުންމާލުމުގެ ސަބަބުން ކަނޑުވެފަ ތިއްބައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެމީހުންގެ ތެރެއިން ފެންނަންތިބި 14 މީހުން ސަލާމަތްކޮށްފައި ވާކަމުގައެވެ.
އަދި ފަޅުވެރިންގެ ތެރެއިން އިންޑިއާ މީހަކު ފެނިފައިނުވާތީ، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އަދިވެސް ދަނީ ކުރަމުންނެވެ.
އާގަލާ ބޯޓަކީ އައްޑޫގެ ވިޔަފާރިވެރިއްގެ ބޯޓެކެވެ. މި ބޯޓުވެ ވެރިފަރާތުން އައްޑޫގައި އާގަލާ މާރޓްގެ ނަމުގައި ސޮޕިން މާޓެއް ހިންގުމުގެ އިތުރުން އިތުރު އެހެން ވިޔަފާރިތައްވެސް ކުރަމުން ދެއެވެ.