އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވޭ!

އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވޭ!

Author
މުޙައްމަދު ޝަޒައިމް
23 ފެބްރުއަރީ 2023 12:23
0

އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ ގިނަ މައްސަލަތަކެއް ހުށަހަޅަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ އިންޓަނެޓް ބޭންކިންގ ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފަރ ކުރަމާއި އިންޓަނެޓް ބޭންކިންގ އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވާކަމަށެވެ.

ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގައި ލޮގްއިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައިހުންނަ ގޮތްތައް ތަހުގީގުތަކަށް ފާހަގަކުރެވިފައި ވާކަމަށާއި، އެގޮތުން އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ (ޕިޝިންގ) ލިންކުތަކަށް ވަދެ އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދޭކަމަށެވެ.

މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެއެވެ. މިބާވަތުގެ ލިންކުތައް، ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރެއެވެ. މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރެއެވެ. އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަ ކުރެވިފައިވެއެވެ.

މީގެ އިތުރުން، އިންޓަނެޓް ބޭންކިންގ ރަޖިސްޓްރީ ކުރުމަށްޓަކައި ބެންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހެދުމާއި، އީ ކޮމަރސް ވެބްސައިޓުތަކުގައި ރަޖިސްޓްރީކުރުމާއި، މިނޫންވެސް އޮންލައިން ގިނަ ސަރވިސްތަކެއްގައި އެއް އީމެއިލް އެޑްރެސްއެއް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްފައި ހުންނަކަން ފާހަގަކުރެވެއެވެ. މިގޮތަށް އޮންލައިން ސަރވިސްތަކުގައި ރަޖިސްޓްރީކުރާއިރު ގިނަ ފަހަރު އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ޖަހަންޖެހުމުން، އެ ޚިދުމަތްތަކުގައިވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ހުރިހާ ސަރވިސްއެއްގައި އެއް ޕާސްވޯޑް ޖަހާފައި ހުންނަކަމާ އަދި ބޭނުންކުރާ އީމެއިލް އެޑްރެސްވެސް އެ އީމެއިލް ސަރވިސްއިން ދީފައި ހުންނަ ސެކިއުރިޓީ ފީޗަރސް އެކްޓިވޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންގްސް ކޮންފިގަރ ކޮށްފައި ނުހުންނަކަން ފާހަގަކުރެވެއެވެ.

އިންތިޒާމްވެގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާއިރު މިހާރުވެސް މިފަދަ ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުންނެވެ. އެހެންކަމުން އިންޓަނެޓް ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފީޗަރސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.

މިފަދަ މައްސަލަތަކުގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިހާރުވެސް ގިނަ އީމެއިލް އެޑްރެސްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުހައްމަދު
ފުލުހަށް މައްސަލަ ހުށަހެޅީމަ ކީއްވެ ނުބެލެނީ؟