ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޓޮޓްނަމް ހޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗު އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕަރސްއިންނެވެ. ނަމަވެސް އެއާއެކުވެސް އެޓީމަށް މިލާންގެ ގޯލަށް މާނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.
މިމެޗްގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 7 ވަނަ މިނެޓުގައި ޖަހާދިނީ ބްރަހީމް ޑިއާޒްއެވެ. މިމެޗްގެ ކުރީކޮޅު މިލާނުން ލަނޑެއް ޖެހުމުން ސްޕަރސްއަށް މިމެޗްގައި ގިނަ މައްސަލަ ތަކަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ހީވި ނަމަވެސް މެޗްގެ ބޮޑު ބައިގާ އެޓީމަށް މާބޮޑު މައްސަލަތަކެއް މިމެޗްގައި ދިމާވެފައެއް ނުވެއެވެ. މިމެޗްގައި މިލާންގެ ލީޑު ފުޅާކުރުމަށް އެޓީމްގެ ޗާރލްސް ޑި ކެޓެލައަރ އާއި މަލިކް ތައު އަށް ލިބުނު ދެފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު މިލާނުން މިމުބާރާތުގެ ކްއާޓަރ ފައިނަލަށް 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ދަތުރު ކުރުމަށް ކުރަމުންދާ އުންމީދުތަކަށް މިވަނީ ހިތްވަރެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މިއަންނަ މަހުގެ 8 ވަނަ ދުވަހު ސްޕަރސްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުން ނަތީޖާއެއް ނެރެން ބޭނުންކަމަށްވާނަމަ މިލާނަށް މިމެޗަށްވުރެ ރަނގަޅު ކުޅުމެއް ދައްކަންޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ސްޕަރސްއިންވެސް މިނަތީޖާ އަނބުރާލަން ބޭނުންވާކަމުގައި ވާނަމަ ރޭގެ މެޗަށްވުރެ ހަމަލާތައް ވަރުގަދަ ކުރަންޖެހެއެވެ.