މާލޭގެ މަގުމަތީގައި ފާޅުގައި މަސްތުވާތަކެތި ވިއްކާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ޒުވާނާ ފުލުހުން ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ހައްޔަރު ކޮށްފައިވަނީ 25 އަހަރުގެ ޒުވާނެއް ކަމުގައެވެ. އަދި ތަހުގީގަށް އޭނާ 15 ދުވަހަށް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ހުއްދާ ދީފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މާލޭގެ މަގުމަތީގައި މަސްތުވާތަކެތި ބޭނުންކުރުމާއި ފާޅުގައި އެވިއްކުން ޢާންމުވެ ޢާންމުންގެ ކަންބޮޑުވުން ވަނީ އިތުރު ވެފައެވެ.
ސޯޝަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއެއްގައި ފެންނަނީ މި ޒުވާނާ މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިށީނދެއިނދެގެން މަސްތުވާތަކެތީގެ އުނގުވިޔަފާރިކުރާ މަންޒަރެވެ.
އޭނާ އެހެން އިންނައިރު ފަހަރަކު މީހަކުއައިސް އޭނާގެ އަތަށް ފައިސާ ދީފައި މަސްތުވާތަކެތި ގަނެގެން ދެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، މި ޒުވާނާއަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ގަތުމުގައި ބައިވެރިވާ މީހަކަކު ބިރެއް ޖެހިލުމެއް ވެގެން އުޅޭ މަންޒަރެއް ނުފެނެއެވެ. ވަރަށް އާދައިގެ ކަމެއްގެގޮތުގައި އެމީހުން އެކަން ކުރަމުންދާތަން ވީޑިއޯއިން ފެންނާން ހުރެއެވެ.
ފަހަކަށްއައިސް މާލޭގެ މަގުމަތިން މިފަދަ މަންޒަރުތައް ފެނުންވަނީ ޢާންމު ވެފައެވެ. ރޯމާ ދުވާލު މަގުމަތިން ކުޑަކުދިން ގޮވައިގެން ސްލޫކަށްދާ ވަގުތުތަކުގައިވެސް މަސްތުވާތަކެތި ބޭނުންކޮށް މަގުމަތީ ޕޭވްމަންޓު މައްޗާއި ޕާކިން ޒޯންތަކުގައި ތިބެގެން އަމިއްލަގަޔަށް މަސްތިވާތަކެތި އިންޖެކްޓުކުރާ މަންޒަރު ދަނީ ފެންނަމުންނެވެ.