2023 ވަނަ އަހަރަށް ލަފާ ކޮށްފައިވާ އިންޑިއާގެ ބަޖެޓުގައި ދިވެހި ރާއްޖެއާއި ބޫޓާނަށް ކަނޑައަޅާފައިވާ އެހީ ފާއިތުވެދިޔަ އަހަރަށްވުރެ އިތުރުކޮށް، މިއަހަރު ބޫޓާނަށް 24 ބިލިއަން ރުޕީސް ކަނޑައަޅާ، ދިވެހިރާއްޖެއަށް 4 ރުޕީސް ހިމަނައިފިއެވެ.
ބޫޓާނަށް މިއަހަރަށް އިންޑިއާގެ ބަޖެޓުގައި 24 ބިލިއަން ރުޕީސް ކަނޑައަޅާފައިވާއިރު ފާއިތުވެދިޔަ އަހަރު ހިމަނާފައިވަނީ 22.7 ބިލިއަން ރުޕީސްއެވެ.
އިންޑިއާއިންވަނީ ރައީސް ސާލިހުގެ ސަރުކާރުގައި ރާއްޖޭގައި ހިންގަމުންދާ ތަރައްގީގެ ބޮޑެތި ޕްރޮޖެކްޓްތަކަށް ފައިނޭންސް ކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ޕްރޮޖެކްޓަކީ ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓެވެ.
މީގެ އިތުރުން އަފްއާނިސްތާނަށް އެގައުމުން ދޭ އެހީގެ ގޮތުގައި އިންޑިއާގެ ބަޖެޓްގައި މިއަހަރުވެސް ހިމަނާފައިވަނީ 2 ބިލިއަން ރުޕީސްއެވެ. އިންޑިއާއިން އަފްއާނިސްތާން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބަޖެޓްގައި ފައިސާ ހިމަނާފައި ވިނަމަވެސް، އިންޑިއާއިން އެގައުމުގައި އޮތް ތާލިބާންގެ ސަރުކާރު ބަލައިގެންފައެއް ނުވެއެވެ.
ތާލިބާން ޖަމާއަތުން 2021 ވަނަ އަހަރުން ފެށިގެން އަފްއާނިސްތާންގައި ވެރިކަން ކުރަމުން އަންނައިރު، މިއަހަރަކީ އިންޑިއާއިން އަފްއަނިސްތާނަށް ފައިސާގެ އެހީތެރިން ފޯރުކޮށް ދިނުމަށް ބަޖެޓް ކުރި ދެވަނަ އަހަރެވެ.
ފާއިތުވެދިޔަ އަަހަރުވެސް އިންޑިއާއިން އަފްއާނިސްތާނަށް އެހީވުމަށް 2 ބިލިއަން ރުޕީސް ބަޖެޓުގައި ހިމެނި ނަމަވެސް ބަޖެޓް ރީވައިސްކޮށް އެއަދަދު ވަނީ 3.5 ބިލިއަން ރުޕީސްއަށް އިތުރު ކޮށްފައެވެ.
އިންޑިއާއިން މިއަހަރަށް ފާސްކުރި ބަޖެޓުގައި، ދޭ އެހީ ކުޑަވެގެން ދިޔަ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ނޭޕާލް، ސްރީ ލަންކާ، މިޔަންމާ، މޮންގޯލިއާ، މޮރިޝަސް އަދި ސީޝެލްސްއެވެ.
މިގޮތުން މިއަހަރުގެ ބަޖެޓްގައި އިންޑިއާއިން ބަންގްލަދޭޝްއަށް އެހީވުމަށް ހިމަނާފައިވަނީ 2 ބިލިއަން ރުޕީސްއެވެ. މިއީ 2022 ވަނަ އަަހަރުވެސް ބަޖެޓް ކޮށްފައިވާ އަދަދެވެ. ނޭޕާލްއަށް އެހީވުމަށް ފާއިތުވި އަހަރުގެ ބަޖެޓްގައި 7.5 ބިލިއަން ރުޕީސް ހިމަނާފައިވާއިރު، މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ 5.5 ބިލިއަން ރުޕީސްއެވެ.
އޭގެ އިތުރުން ސްރީ ލަންކާއަށް، އިންޑިއާގެ 2023ގެ ބަޖެޓްގައި 1.5 ބިލިއަން ރުޕިސް ހިމަނާފައިވާއިރު، މިއީ ފާއިތުވި އަހަރު ބަޖެޓްކުރިން 2 ބިލިއަން ރުޕީސްއަށްވުރެ 500 މިލިއަން ރުޕީސް ދަށް އަދަދެކެވެ.
އިންޑީއާއިން މިޔަންމާގައި ގިނަ އަަދަދެއްގެ ކަނެކްޓިވިޓީ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދާއިރު، އެގައުމަށް އެހީގެ ގޮތުގައި ކަނޑައަޅާފައިވަނީ 4 ބިލިއަން ރުޕީސްއެވެ. މިއީ ފާއިތުވި އަހަރު ކަނޑައެޅި 6 ބިލިއަން ރުޕީސްއަށްވުރެ ދަށް އަދަދެކެވެ.
އިންޑިއަން އޯޝަން ރީޖަން ސަރަހައްދުގެ ގައުމެއް ކަމުގައިވާ މޮރިޝަސްއަށް ފާއިތުވެދިޔަ އަހަރުގެ އިންޑިއާގެ ބަޖެޓް 9 ބިލިއަން ރުޕީސް ހިމެނުނު އިރު، މިއަހަރު ބަޖެޓް ކޮށްފައިވަނީ 4.6 ބިލިއަން ރުޕީސްއެވެ. ސީޝެލްއަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވަނީ އެންމެ 100 މިލިއަން ރުޕީސްއެވެ. އެގައުމަށް ފާއިތުވު 2022 ވަނަ އަހަރުގެ ބަޖެތްގައި 140 މިލިއަން ރުޕީސްގެ އެހީ ހިމަނާފައި ވެއެވެ.
ކޮމެންޓު ފޮނުވާ