އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަންނަވާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީ ލަންކާއަށް މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެއް ކަމުގައެވެ.
މިގޮތުން މި ދަތުރުފުޅުގައި ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގަންނަވާއިރު ބުރާސްފަތި ދުވަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާއަށެވެ.
އިންޑިއާގެ ލޯކަލް މީޑިއާތަކުްނ ރިޕޯޓު ކޮށްފައިވާ ގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ ރާއްޖެއާއެކު ބައިލެޓްރަލް ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެން ދާނެއެވެ.
ރައީސް ސާލިހުގެ ވެރިކަމުގައި ޖައިޝަންކަރު 3 ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާއިރު، އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ ފާއިތުވެދިޔަ އަހަރުގެ މާރޗްމަހުއެވެ. އެފަހަރު ޖައިޝަންކަރުވަނީ އިންޑިއާގެ އެހީގައި އައްޑޫގައި ހެދި ޕޮލިސް އެކަޑަމީ ހުޅުއްވާ ދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ކޮމެންޓު ފޮނުވާ