އިނގިރޭސި ޕްރިމިއާ ލީގުގައި 0-4 ގެ ނަތީޖާއިން ޓޮޓެންހަމް ހޮޓްސްޕާ އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ޕެލެސް އިންނެވެ. މެޗުގެ ނަތީޖާ ޓޮޓެންހަމް އިން އަނބުރާލީ ދެވަނަ ހާފުގައެވެ. އެޓީމުގެ ފުރަތަމަ ދެ ގޯލު ކޭން ޖެހީ 48 ވަނަ މިނެޓާއި 53 ވަނަ މިނެޓުގައެވެ. 68 ވަނަ މިނެޓުގައި މެޓް ޑޮހަޓީ ތިންވަނަ ގޯލު ޖެހިއިރު ފަހު ގޯލު 72 ވަނަ މިނެޓުގައި ޖެހީ ސޮން ހެއުން މިންއެވެ.
ރޭގެ މެޗަކީ އިނގިރޭސި ޕްރިމިއާ ލީގުގައި ކޭން ކުޅުނު 300 ވަނަ މެޗެވެ. ޓޮޓެންހަމްގެ ޖާޒީގައި މިދިޔަ 11 ސީޒަނުގައި ވެސް ކޭން ވަނީ ޕްރިމިއާ ލީގުގައި ގޯލު ޖަހައިފައެވެ. ރޭގެ ގޯލުތަކާ އެކު ލީގުގެ ތާރީހުގައި ކޭން ޖެހި ގޯލުގެ އަދަދު 198 އަށް ވަނީ އަރައިފައެވެ. ހުރިހާ މުބާރާތެއްގައި ކޭން ވަނީ ޓޮޓެންހަމަށް 264 ގޯލު ޖަހައިފައެވެ.
ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ޓޮޓެންހަމުން ވަނީ 18 މެޗުން 33 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސް ވަނައިގައި ލީޑު ފުޅާކޮށްފައެވެ. ތާވަލުގެ ހަ ވަނައިގައި ލިވަޕޫލް އޮތީ އެއް މެޗު މަދުން ކުޅެގެން ޖުމުލަ 28 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތީ ޖުމުލަ 44 ޕޮއިންޓާއެކު އާސެނަލްއެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ޖުމުލަ 36 ޕޮއިންޓާއެކުއެވެ.
ކޮމެންޓު ފޮނުވާ