އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދާ ހަގީގަތާއި ޚިލާފް ވާހަތަކާއިމެދު ފިޔަވަޅު އަޅަންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ސަރުކާރަށް ފާޑުކިޔަސް ވަރިހަމަ ކަމަށާއި ނަމަވެސް ކަންކަން ރައްޔިތުންނަށް އޮޅުވާނުލެއްވުމަށް ކުރީގެ ރައީސް/އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވާފައި ރޭ އެމްޑީޕީގެ ހަރުގޭގައި ދެއްކެވި ވާހަތަކަށް އިޝާރާތް ކުރައްވައި ކުރެއްވި ޓުވީޓުގައެވެ.
ޑރ.އިޔާޒު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވައި، ކުރައްވަމުންދާ ކެމްޕެއިންގައި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވައި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިން އުފެއްދުމަކީ ލިބިގެންވާ ޖާގައެއް ނޫންކަމަށެވެ. ރައީސް ނަޝީދުގެ ވާހަތަކުގައި ނިރުބަވެރި އަމަލުތަކަށް މަގު ފަހިވާ ފަދަ އަމަލުތަކަށް ގޮވާލަމުންދައިރު މިކަންކަމާއިމެދު ފިޔަވަޅު ނާޅައި ތިބުމަކީ އިންސާފެއް ނޫންކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.
ޙަޤީޤަތާއި ޚިލާފު ވާހަކަ ދައްކާ, ރަޢްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދުވާ, ނިރުބަވެރި ޢަމަލުތަކަށް މަގުފަހިވާގޮތަށް ވާދަވެރި ކެނޑިޑޭޓު އަބަދުމެ މަސައްކަތް ކުރައްވާއިރު, ފިޔަވަޅެއް ނާޅުއްވާކަމީ އިންޞާފުކަމުގައި ޤަބޫލެއް ނުކުރެވޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވާއިރު، ރައީސް ޞާލިހު ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި އެމަނިކުފާނު ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޞާލިހަކީ ރިއެކްޓް ނުކުރައްވާ ބޭފުޅެއް ކަމަށް އިދިކޮޅުން އަބަދުވެސް ބުނަމުން އައި އިރު، ޕްރައިމަރީގެ ވާދަވެރިކަމުގެ ތެރެއިން ދާދި ފަހުން ރައީސް ނަޝީދުވެސް ވަނީ އެމަނިކުފާނަށް އެ ފާޑުކިޔުން އަމާޒުކުރައްވާފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ އެމަނިކުފާނު މި އިންތިޚާބުގެ ކަންކަމުގައި ރިއެކްޓް ނުކުރައްވަނީ އިންތިޚާބުގައި ވާދަކުރައްވަނީ ޕާޓީގެ ތެރެއިން ކަމަށްވާއިރު، އެއީ އިދިކޮޅު ވުން ނޫން ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. އެކަމަކު ކެމްޕޭން ޖަލްސާތަކާއި، ރައްޔިތުންގެ ބައްދަލުވުންތަކުގައި ތެދު ވާހަކަދެއްކެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ކޮމެންޓު ފޮނުވާ