އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުން ސިއްރުކުރުން އދ. ގެ ޗާޓަރ 102އާ ހިލާފުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، އިންޑިޔާ ސިފައިން ރާއްޖޭގައި ތިބި އަދަދަކީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުކަމަށް ވާތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަ ކުރަންވާނެ ކަމަށާއި، އދ. ގެ ޗާޓަރު 102އާ ހިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ ކަމަށެވެ.
"ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު ބޭނުން ކުރެވޭނީ ގާނޫނު އަސާސީގެ 115(ރ) އާ އެއް ގޮތަށް. އަދި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުސޫލަކުން. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަ ކުރަންވާނެ. އދ. ގެ ޗާޓަރު 102 އާ ހިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ" ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.
މި މައްސަލަ ފެންމަތިވެފައި މިވަނީ ރާއްޖޭގައި އިންޑިޔާ ސިފައި ތިބި އަދަދު ހޯދުމަށް ޑިފެންސް މިނިސްޓްރީގައި ނޫސްވެރިއަކު އެދުމުން، އެމަޢުލޫމާތު ފޯރުކޮށް ދެވެން ނެތްކަމަށް މިނިސްޓްރީން ވިދާޅުވުމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުންނެވެ.
މި މައްސަލާގައި އިއްޔެ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އާންމު އަޑުއެހުމެއް ބާއްވާފައެވެ. ވާޗުއަލްކޮށް ބޭއްވި މި އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީން ވިދާޅުވީ އެ މައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި ކަމަށެވެ. އަދި އެއީ ގައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ކަމަށްވާތީ އެ މައުލޫމާތު ހާމަ ކުރެވެން ނެތް ކަމަށް އެމަޖިލީހުން އަންގާފައި ވާކަމަށް ޑިފެންސް މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރު މުޙައްމަދު ޝިމާހު ވިދާޅުވިއެވެ.
"އެ މަޖިލީހުގައި ތިއްބަވާނީ ސިފައިންގެ އިސް އޮފިސަރުން. އެއްވެސް ސިޔާސީ ބޭފުޅުން ބައިވެރިއެއް ނުވާނެ. ސިފައިންގެ ތެރޭގައި ހިމެނޭ އެންމެ އިސް ރޭންކުގެ އޮފިސަރުން ބައިވެރިވާނީ. އެބޭފުޅުން އެގޮތަށް ނިންމެވީމަ އެކަމަކާ އަޅުގަނޑުމެން ދެން އިތުރަކަށް ސުވާލެއް ނުކުރަން،"އިންފޮމޭޝަން އޮފިސަރު މުޙައްމަދު ޝިމާހު ވިދާޅުވިއެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެހެނިހެން މައުލޫމާތު ހާމަކުރުމުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފާނެ ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 2 ދެ ހެލްކޮޕްޓަރު އޮޕަރޭޓް ކުރުމަށާއި އެނޫންވެސް އެފަދަ އެހެން ކަންކަމަށް އިންޑިއާ ސިފައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެއެވެ.