ގދ.ވާދޫ ކައުންސިލްގެ ރައީސްގެ އިތުބާރުނެތްކަމަށް ރައްޔިތުން ސޮއިކޮށް، ޕެޓިޝަނެއް އެލްޖީއޭއަށް ހުށައަޅައިފިއެވެ.
ވާދޫ ކައުންސިލްގެ ރައީސް ޙަސަން ޢަބްދުﷲގެ އިތުބާރު ނެތްކަމަށް ބުނެ އެލްޖީއޭއަށް ރައްޔިތުން ހުށައެޅި ޕެޓިޝަނުގައި ވަނީ 450އެއްހާ މީހުން ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ އިތުރުން ކައުންސިލްގެ ބައެއް މެންބަރުންނާއި ސިވިލް ސާރވިސް މުވައްޒަފުންވެސް ހިމެނެއެވެ.
ޕެޓީޝަނާއެކު އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީގައި ވަނީ، ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު ޑިސެމްބަރު މަހު ގެނައި 8 ވަނަ އިސްލާހުގެ ބިލު ގާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާގޮތުގެ މަތިން 15 ޑިސެމްބަރު 2019 ވަނަ ދުވަހު ރައީސުލްޖުމުހުރިއްޔާ ތަސްދީގުކުރައްވައި ގާނޫނަކަށް ވުމާއެކު ރަށު ކައުންސިލްތަކުގެ ރައީސުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކުރުމަށް ނިންމާފައިވާކަމަށެވެ.
އެއީ ރަނގަޅު ހެޔޮ ނިންމުމެއްކަން ފާހަގަކޮށް އެ ސިޓީގައި ވަނީ ކައުންސިލްގެ ރައީސްގެ ފަރާތުން ފެންނަނީ ނޭއްގާނީ ސިފަތަކެއްކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ބިރު ދެއްކުމާއި އެކި މީހުންނަށް ބަދުބަސް ފާޅުގައި ބުނަމުން ގޮސްފައިވާކަމަށް ބުނެފައިވެއެވެ. އަދި ވައްޒަފުންގެ އާއިލާގެ މެންބަރުންނަށް އެކިއެކި އިންޒާރުދީ ކައުންސިލް އިދާރާ ތެރޭގައި ހަޑި ހުތުރު ބަސްތަކުން މުއާމާލާތްކުރާކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ބިރުވެރިކަން އިންތިހާއަށް އޮތްކަމަށާއި ނަފްސާނީ ގޮތުން ބޮޑެތި މައްސަލަތާކާއި ކުރިމަތިލަންޖެހިފައިވާ ކަމުގައި އެކި މުވައްޒަފުންނާއި ރަށުގެ އާންމުން ބުނެފައިވާކަމަށް ސިޓީގައިވެއެވެ. އަދި ކައުންސިލްގެ ރައީސްގެ ފަރާތުން ކައުންސިލްގައި ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ސިވިލް ސާރވިސް މުވައްޒަފުން އެ މައްސަލަ ސިވިލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.