އާޖެންޓީނާއިން ކާމިޔާބުކުރި ފީފާ ވޯލްޑް ކަޕުގެ ތަށި އެ ގައުމުގެ ރައްޔިތުންނަށް ދައްކާލުމަށް ވެރިރަށް ބޮއިނޮސައިރިސްގައި ބޭއްވި ބަސް ޕެރޭޑް މެދުކަނޑާލައިފިއެވެ.
އާޖެންޓީނާގެ ޤައުމީ ޓިމުން ހޯދި މި އުފަލުގައި ބައިވެރިވުމަށް އެޤައުމުގެ ވެރިރަށުގެ މަގުތަކަށް އެތައް މިލިއަން ރައްޔިތުންނެއް ނުކުމެފައިވެއެވެ. އެއާއެކު ބަސް ޕެރޭޑް މެދުކަނޑާލަން ޖެހުނީ މަގުމަތީ އުފާފާޅުކުރަމުންދިޔަ އާންމުންގެ އަދަދު އިތުރުވެ ބަސް ދުއްވޭވަރު ނުވުމުންނެވެ.
އަށް ގަޑިއިރަށް ދެމިގެންދާނެކަމަށް ބެލެވުނު ބަސް ޕެރޭޑް ފެށަައިގެން ކުރީކޮޅު ވާރލްޑް ކަޕްގެ ތަށި އާންމުންނަށް ހުރިހާ ކުޅުންތެރިންވެގެން ދައްކަމުންދިޔައެވެ. ނަމަވެސް މީހުން މާ ގިނަވުމުގެ ސަބަބުން އާޖެންޓީނާގެ ކަމާބެހެޭ ފަރާތްތަކަށް ޖެހުނީ އެހެން ވިސްނުމަކަށް ދާށެވެ. މިގޮތުން އެންމެފަހުން އާޖެންޓީނާ ޓީމްގެ ކުޅުންތެރިން އާންމުންނަށް ފެނިލަންޖެހުނީ އާންމުންގެ މަތިން ހެލިކޮޕްޓަރެއްގައި ދަތުރު ކޮށްގެންނެވެ. އާޖެންޓީނާ ރިޔާސީ ތަރުޖަމާނު ހާމަކުރެއްވިގޮތުގައި މަގުތަކުގައި އުފާފާލޫ ކުރަމުންދިޔަލެއް ބޮޑު ކަމުން ބަސް ދަތުރެއް ބޭއްވުން ވެގެންދިޔައީ ނުވާނެކަމަކަށް ކަމަށެވެ.
އަންގާރަ ދުވަހުގެ އަވަސް ވަގުތެއްގައި ޤަތަރުން އާޖެންޓީނާއަށް ގޮސް، ފުޓްބޯޅަ އެސޯސިއޭޝަންގެ ތަމްރީންހަދާ މަރުކަޒުން އެ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ޓީމު ބުއެނޯސް އެއަރޭސް ގެ މެދަށް ދިއުމަށްޓަކައި 20 މޭލުގެ ދަތުރެއް ވަނީ ފަށާފައެވެ. މި ދަތުރު ނިންމާލަން ހަމަ ޖެހިފައި އޮތީ އެސިޓީގައި ހުންނަ ހުދު ކުލައިގެ ޓަވަރެއްކަހަލަ އިމާރާތެއްކަމަށްވާ އޮބެލިސްކް އަށެވެ.
ނަމަވެސް އުފާ ފާޅުކުރުންތްތައް ހައްދުން ނެއްޓިގެން ގޮސް، ސަލާމަތީ ސަބަބުތަކަށްޓަކައި، ސަލާމަތީ ބާރުތަކުން ވަނީ ބަހަށް އެ ހިސާބަށް ދަތުރު ކުރުން މަނާކޮށްފައެވެ. އެއަށްފަހު މީހުން އުފާ ފަޅުކުރާ މަންޒަރު ޓީމަށް ބަލަން ޖެހުނީ މަތިން ހެލިކަޕްޓަރު ތަކުގައެވެ.
އާޖެންޓީނާ ސަރުކާރުންވަނީ އިއްޔެއަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފައެވެ. އާޖެންޓީނާއިން ހާމަކުރިގޮތުގައި ގާތްގަޑަކަށް ހަތަރު މިލިއަނެއްހާ ރައްޔިތުން ބޮއިނޮސައިރިސްގެ މަގުތަކަށް ނިކުތެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޗިކުއި ޓާޕިއާ ވަނީ ޓްވީޓް މެދުވެރިކޮށް ބަސް ދަތުރު ހުއްޓާލަން ޖެހުމުން ކުޅުންތެރިންގެ ފަރާތުން އާންމުންގެ ކިބައިން މާފަށް އެދިފައެވެ.