އަސްކަރިއްޔާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ވީރު ހަސަންދީދީ އަވަހާރަ ވެއްޖެ

އަސްކަރިއްޔާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ވީރު ހަސަންދީދީ އަވަހާރަ ވެއްޖެ

ދިވެހި އަސްކަރިއްޔާއަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ގ. ރެޑިއަމްގޭ ހަސަންދީދީ (ވީރު ހަސަންދީދީ) އުމުރުން 86 އަހަރުގައި އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަތާ ދުވަސްތަކެއްވީ ފަހުން ރޭ ފަތިހުގެ ވަގުތެއްގައެވެ. ވީރު ހަސަންދީދީ ވަނީ ސިފައިންގެ ބޭކަލެއްގެ ގޮތުން ދިވެހި އަސްކަރިއްޔާ އަށް ހިދުމަތްކުރައްވައިފަ އެވެ. އޭނާ ސިފައިންގޭގައި އުޅުއްވީ އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ބޮޑުވަޒީރުކަމުން ފެށިގެން އިބްރާހީމް ނާސިރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރާ ހަމައަށެވެ.

ވީރު ހަސަންދީދީ އަކީ ހުވަދު އަތޮޅު އަތޮޅުވެރިކަމުގައި ހުންނަވަނިކޮށް ސިހުރު ހަދައިގެން އަވަހާރަކޮށްލެވުނު މަޝްހޫރު ވީރު އަލިދީދީގެ ބޭފުޅެކެވެ. މުހައްމަދު އަމީނުގެ ރައީސްކަމުގައި 1953 ގައި، ވިހަ ސައެއް ބޯންދީގެން ވީރު އަލިދީދީ އަވަހާރަކޮށްލިކަމަށް އިއުތިރާފުވުމުން އެ އަތޮޅު ނިލަންދޫ ހަކީމްދީދީ އަށް މަރުގެ ހުކުމް އިއްވިއެވެ. ހުޅުލޭގައި ބަޑި ޖަހައި ހަކީމްދީދީ މަރާލި ފަހުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒެއް ނުކުރެއެވެ.

ހަސަންދީދީގެ ބޭފުޅުންގެ ތެރޭގައި ރާއްޖެއިން މީހުން ހައްޖާއި އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކުރައްވާ އާއިޝަތު ޒައިމާ ހަސަން ދީދީ ހިމެނިވަޑައިގަންނަވަ އެވެ. ޒައީމާއަކީ ހަސަންދީދީގެ ދޮށީ ދަރިކަނބަލުންނެވެ. ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު ހަސަންދީދީއަކީވެސް ވީރު ހަސަންދީދީގެ ބޭފުޅެކެވެ.

ހަސަންދީދީގެ މޫނު ދެއްކުން އޮތީ އާސަހަރާގައެވެ. ކަށު ނަމާދު އޮންނާނީ އިސްލާމީ މަރުކަޒުގައި މިއަދު އަސްރު ނަމާދަށްފަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *