މަސްވެރިންގެ ދުވަހުގެ ހިތްހަމަޖެހުމެއް އުފަލެއް ނުލިބޭ ކަމަށާއި، މަސްވެރިންގެ އޮތީ އިންތިހާއަށް ކަންބޮޑުވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.
މެމްބަރު ފިރުޝާން މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓަރ ޑރ.ހުސެއިން ރަޝީދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ހުސެއިންގެ ޓުވީޓުގައި ވިދާޅުވީ ދިވެހި މަސްވެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ޤައުމީ ފެންވަރުގައި ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ދިވެހިންނަށް، ޚާއްޞަކޮށް އެންމެހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގައި ހިމެނޭ އެންމެހާ ޚިދުމަތް ތެރިންނަށް އަރިސްކުރާކަމަށެވެ.
މިނިސްޓަރގެ ޓުވީޓަށް ރައްދު ދެއްވައި ފިރުޝާން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ކުރިމަތިލާއިރު މަސްވެރިން ތިބީ ނުހަނު ކަންބޮޑުވުމާއި އެކުގައިކަމަށެވެ. މަސްވެރިކަމުގެ ވަޒީރަށް މަސްވެރިންނަށް ސަރުކާރުން ކަނޑައެޅި ސިޔާސަތު ތަންފީޒު ކުރުމުގައި ފެއިލްވެފައިވާކަން ހާމަކުރައްވަމުން ފިރުޝާން ވިދާވީ ހޯޑެއްދޫފައި ހަދަމުންދާ މަސްފކްޓްރީއަކީ މިކަމުގެ ރީތި މިސާލެއްކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ހިތްހަމަޖެހުމެއް އުފަލެއް ނުލިބޭ. މަސްވެރިން ކުރާ މަސައްކަތަށް ލުޔެއް ފަސޭހައެއް ހޯދުމާއި މަސްވެރިކަމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި މަނިކްފާނުވަނީ ފެއިލްވެފަ. އޭގެ އެއް މިސާލަކީ ހޯޑެއްދޫގައި މަނިކްފާނު ޕާޓީގެ ލީޑަރ ހަދަމުންގެންދާ މަސްފެކްޓަރީ. 17 އަހަރު.
– ފިރުޝާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެކުނުގެ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ބަދަލުގައި ވަޒީރު މަސައްކަތް ކުރައްވަނީ އަމިއްލަ މަސްލަހަތު އިސްކުރެއްވުމަށް ކަމަށެވެ.
ދެކުނުގެ މަސްވެރިންނަށް ލުޔެއް ފަސޭހައެއް ހޯއްދަވައި ދެއްވުމަށް މަސައްކަތްކުރާނަމަ އެ މައްސަލަ ހައްލު ކުރައްވާނެ. އެމައްސަލަ ހައްލު ކުރުމުގައި މަނިކްފާނުވަނީ، ފަހަތަށް ޖެހިވަޑައިގެންފަ. އެ މައްސަލަ މަތީ އިށީންނަވައިގެން ތިން އިންނަވަނީ އަމިއްލަ މަސްލަހަތު އިސްކުރުމުގައި.
– ފިރުޝާން ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މަސްވެރިންގެ ތެރޭގައި ބޮޑެތި ކަންބޮޑުވުން އެބަހުއްޓެވެ. ޚާއްސަކޮށް، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުމާއި، މަސް ރައްކާކޮށް ބެހެއްޓޭނެ ރަނގަޅު ނިޒާމުތަކެއް ނެތުމަކީވެސް މަސްވެރިންގެ އޮތް ކަންބޮޑުވުމެކެވެ. މަސްވެރިކަމުގެ ވަޒީރަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ކުރިން އެމިނިސްޓްރީ ހިންގަވަމުން ގެންދެވީ އެމްއާރުއެމްގެ ޒަހާއެވެ. މަސްވެރިންގެ ކަންކަން ހައްލުނުވެ ޒަހާ ވަނީ މަގާމުން ވަކިކޮށް ރައީސް އޮފީހަށް ބަދަލު ކުރައްވާފައެވެ.