ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ މެޗަށް ބްރެޒިލްގެ ތަރި ނޭމާ ފިޓުވުމަކީ މި މެޗަށް ނުކުންނައިރު, ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ އިތުބާރު ބޮޑަށް އޮތް ކަމެއް ކަމަށް ކޯޗު ޓީޓޭ ބުނެފިއެވެ.
ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި ވާދަކުރާ ބްރެޒިލް ވަނީ އެ ޓީމު ހިމެނުނު ގްރޫޕްގެ އެއް ވަނަ ހޯދައިފައެވެ. ދެކުނު ކޮރެއާ އިން ދެ ވަނަ ބުރުގެ ޖާގަ ހޯދީ ފަހު މެޗުގައި ޕޯޗުގަލް އަތުން މޮޅުވެ، ޕޮއިންޓުގެ ގޮތުން އުރުގުއޭ އާ އެއްވަރުވެ، ފައިދާ ގޯލަށް ބަލާއިރު ވެސް އެއްވަރުވެ، ޖެހި ގޯލަށް ބަލާއިރު ކުރި ލިބިގެންނެވެ.
ބްރެޒިލް ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގެ ފަހު ކޮޅު އަނިޔާގެ ސަބަބުން ބަދަލުކުރަން ޖެހުނު ނޭމާ ފަހު ދެ މެޗުގައި ކުޅެފަ އެއް ނުވެއެވެ. ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށްފަހު މިހާރު އޭނާ ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.
ނޭމާގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން ގްރޫޕް ސްޓޭޖްގައި ބްރެޒިލް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފެނިފައެއް ނުވެއެވެ. އަދި އޭނާ މުބާރާތުގައި އިތުރަށް ކުޅެވިދާނެތޯ އޮތީ ސުވާލު އުފެދިފައެވެ. އެކަމަކު، ނޫސްވެރިންނާ ވާހަކަ ދައްކަމުން ބްރެޒިލްގެ ކޯޗު ޓިޓޭ ބުނީ ނޭމާ މެޗުގައި ކުޅެވޭ ވަރަށް ފިޓް ކަމަށެވެ. އަދި މެޗުގައި ނޭމާ ފެނުން ގާތް ކަމަށް ވެސް ކޯޗު ބުންޏެވެ. ނޭމާ ވަނީ ބްރެޒިލްގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވާން ފަށައިފައެވެ.
ނޭމާގެ އިތުރުން ފަހު ދެ މެޗުގައި ނުކުޅެވުނު ޔުވެންޓަސްގެ ޑިފެންޑަރު ޑަނީލޯ ވެސް ހުރީ ފިޓުކޮށެވެ. ނަމަވެސް މިދިޔަ މެޗުގައި ކުޅުނު ފޯވާޑް ގެބްރިއަލް ޖެސުސް އާއި ޑިފެންޑަރު އަލެކްސް ޓެލޭސް އަށް އަނިޔާވެ މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ވަނީ އެއްކޮށް ގެއްލިފައެވެ.
ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްއަކީ މުބާރާތުގެ ފޭވަރިޓް އެއް ޓީމެވެ. މިއީ ނޭމާ ކުޅޭ ތިން ވަނަ ވޯލްޑް ކަޕެވެ. އޭނާ އަށް މީގެކުރީގެ ވޯލްޑް ކަޕްތަކުގައި ވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިވިއެވެ. ދެކުނު ކޮރެއާ ޓީމާ ގުޅޭގޮތުން ކޯޗު ޓީޓޭ ބުނީ ޕޯޗުގަލް އަތުން ހޯދި މޮޅާ އެކު ދެކުނު ކޮރެއާ ޓީމުގެ ފެންވަރު ފެނިފައިވާ ކަމަށެވެ.
ބްރެޒިލުން ދެކުނު ކޮރެއާ އަށް ފުރިހަމަ އަށް އިހުތިރާމް ކުރާނެކަން ފާހަގަކޮށް ޓީޓޭ ބުނީ މެޗުގައި ދެ ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް ކަމަށް ގަބޫލުކުރާ ކަމަށެވެ، މިހާތަނަށް މި ވޯލްޑް ކަޕްގައި ނުކުމެފައިވާ ނަތީޖާތަކަށް ބަލާއިރު އެއްވެސް ޓީމަކަށް މެޗަށް ނުކުތުމުގެ ކުރިން މޮޅުވުމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ޓީޓޭ ވަނީ ބުނެފައެވެ.