ސެނެގާލް ބަލިކޮށް އިންގްލަންޑް ކުއާޓާއަށް

ސެނެގާލް ބަލިކޮށް އިންގްލަންޑް ކުއާޓާއަށް

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2022 10:53
0

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގައި ފަސޭހަކަމާއެކު ސެނެގާލް ބަލިކޮށް ކުއާޓާ ފައިނަލަށް އިންގްލަންޑް ދަތުރުކޮށްފިއެވެ.

ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު އިންގްލަންޑުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗު ފަށައިގެން ސެނެގާލުން އިންގްލަންޑްގެ ހާފަށް ބާރުބޮޑުކުރިއެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ސެނެގާލްގެ އިސްމައިލާ ސާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ސާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އިންގްލަންޑްގެ ކީޕަރު ޖޭޑަން ޕިކްފޯޑެވެ.

މި މެޗުގެ ލީޑު އިންގްލަންޑުން ނެގީ މެޗުގެ 38 ވަނަ މިނެޓުގައި ޖޯޑަން ހެންޑަސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ޖޫޑް ބެލިންހަމްގެ އެހީތެރިކަމާއެކު ހެންޑަސަން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންގްލަންޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އިންގްލަންޑަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. މިއީ ފިލް ފޯޑަންގެ އެހީތެރިކަމާއެކު ކޭން ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އިންގްލަންޑުން ސެނެގާލްގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 56 ވަނަ މިނެޓުގައި ކޭން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ސެނެގާލްގެ ކީޕަރު އެޑޮއާޑް މެންޑީއެވެ. އެކަމަކު އޭގެ އެއް މިނެޓު ފަހުން އިންގްލަންޑްގެ ބުކާޔޯ ސަކާ ވަނީ އިންގްލަންޑަށް އިތުރު ލަނޑެއް ޖަހާދީފައެވެ.

މި ލަނޑަށްފަހުވެސް އިންގްލަންޑަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި ނަތީޖާއާއެކު އިންގްލަންޑުން ކުއާޓާ ފައިނަލުގައި ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއާ ދެކޮޅަށެވެ. އެ މެޗު ކުޅެނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.