ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އިންގްލެންޑު ކުޅުނު މެޗު 0-0 އިން އެއްވަރުވެ، އެ ޓީމަށް އެމެރިކާ އަތުން މޮޅު ނުވެވި މުބާރާތުގެ ދެ ވަނަ ބުރުން ޖާގައެއް ހޯދުމަށް ކުރާ އިންތިޒާރު ދިގުލައިފިއެވެ.
މި މެޗު ފަށައިގެން އިންގްލަންޑުން ވަނީ އެމެރިކާގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖަހަން ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި އިންގްލަންޑްގެ ކެޕްޓަން ހެރީ ކޭން ފޮނުވާލި ހަމަލާ އެމެރިކާގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ބްލޮކްކޮށްފައެވެ. އޭގެ ފަހުންވެސް ކޭންއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއްލިބި ބޭކާރުވެފައެވެ.
އެކަމަކު ފުރަތަމަ ހާފުގެ ވަކި ހިސާބަކުން އެމެރިކާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް އިންގްލަންޑްގެ ހާފަށް ބާރުބޮޑުކުރިއިރު، އެމެރިކާގެ މެކޭނީއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އަދި މެޗުގެ 30 ވަނަ މިނެޓުގައި އެމެރިކާގެ ކްރިސްޓަން ޕުލިސިޗް ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ގޯލުގެ ހުރަސް ދަނޑިއެވެ.
މެޗުގެ ދެވަނަ ހާފުގައި އެމެރިކާއިން މެޗުގެ ކޮންޓްރޯލް ނަގައި އިންގްލަންޑްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހޭތޯ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެކަމަކު މެޗު ނިމެން ކައިރިވެފައިވަނިކޮށް އިންގްލަންޑްގެ ކޭންއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. ކޭން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މި ނަތީޖާއާއެކު، މި ގްރޫޕްގެ ކޮންމެ ޓީމަކަށްވެސް ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު އަދިވެސް އެބައޮތެވެ.
މި ގްރޫޕްގެ އެއްވަނައިގައި އިންގްލަންޑް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އީރާނަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އެމެރިކާ އޮތީ ދެ މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ. އަދި ފުލުގައި އޮތް ވޭލްސްއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.
ކޮމެންޓު ފޮނުވާ