ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޕޯޗުގަލް އިން ގާނާ ބަލިކޮށްފި

ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޕޯޗުގަލް އިން ގާނާ ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ރިކޯޑު ހެދި މެޗުން ހަނިގޮތަކަށް ގާނާ އަތުން ޕޯޗުގަލް މޮޅުވެއްޖެއެވެ.

ރޭ، ގަތަރުގެ ސްޓޭޑިއަމް 974 ގައި ކުޅުނު މި މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ކުރީކޮޅު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ދެ ފުރުސަތު ލިބި ބޭކާރުުވެފައެވެ. ރޮނާލްޑޯއަށް ލިބުނު ފުރަތަމަ ފުރުސަތުގައި އޭނާ ފޮނުވާލަން މަސައްކަތްކުރި ހަމަލާ ގާނާގެ ކީޕަރު ލުވަރެންސް އަޓީޒިގީ ވަނީ ދިފާއުކޮށްފައެވެ. އަދި ދެވަނަ ފުރުސަތުގައި ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފުގައި ގާނާއިން ކުރިއަށްޖެހި ޕޯޗުގަލްގެ ހާފަށް ނުރައްކާކުރި ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ޕޯޗުގަލުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ގާނާގެ އޭރިއާގެ ތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. އަދި ތިން ވޯލްޑް ކަޕުގައި ޕެނަލްޓީއިން ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔަކީވެސް ރޮނާލްޑޯއެވެ.

އެކަމަކު މެޗުގެ 73 ވަނަ މިނެޓުގައި ގާނާއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ކެޕްޓަން އެންޑްރީ އާޔޫއެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ޕޯޗުގަލުން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހާދިނީ ޖާއޯ ފީލިކްސްއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޕޯޗުގަލުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ރަފެއެލް ލިއޯއެވެ.

މެޗު ނިމުމުގެ ކުރިން ގާނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި އޮސްމާން ބުކާރީއެވެ. މި ދެ ޓީމު ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ބައްދަލުކޮށްފައެވެ. އެ މެޗު ޕޯޗުގަލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *