އިމްރާނަށް އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕީޖީން ނިންމައިފި

އިމްރާނަށް އިތުބާރު އޮތްކަމަށް އެމްޑީޕީގެ ޕީޖީން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2020 11:35
0

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ވައްދާފައިވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިތުބާރު މިނިސްޓަރ އިމްރާނަށް އޮތްކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމައިފިއެވެ.

އިމްރާނަށް އިތުބާރު އޮތްކަމަށް ނިންމާފައިވަނީ މިއަދުގެ ޕީޖީ ބައްދަލުވުމަށް ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު 11 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

ސޯޝަލް މީޑިޔާގައި މިދެމައްސަލާގައި އިމްރާންނަށް ފާޑުކިޔައި ގިނަބަޔަކު ދަނީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އިމްރާން ވަނީ ރޭޕް މައްސަލާގައި ރާއްޖޭގެ މީޑިޔާތައް ވަރަށްބޮޑަށް ކުށްވެރިކޮށް، ގޯސް ވާހަކަތަކެއް ދެކެވިފައިވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ. އިމްރާން ރޭ ދެއްކި ވާހަތަކާއި ގުޅިގެން އެ މައްސަލަ ބެލުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަޖެޓް ބަހުސް ނިމުމާއިއެކު އެޖެންޑާ ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިހަފްތާގައި އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.