މިހާރު ކުރިޔަށްދާ، ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ޔާމިންގެ ދިފާއުގައި، ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަސް ނަފީކުރުމަށް ދައުލަތުން ހުށަހެޅި ލިޔުންތައް ބަލައިގަތުމަށް މިހާރު ކުރިޔަށްދާ ޝަރީއަތުގެ މަޖިލިހުގައި ގާޒީ ނިންމަވައިފިއެވެ.
މިގޮތުން ލިޔުންތައް ބަލަިގަތުމަށް ޝަރީއަތުން ނިންމެވިކަން އިއުލާން ކުރެއްވުމަށްފަހު ގާޒީވަނީ މިޔުންތައް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށް ދައުލަތަށް ފުރުސަތު ދެއްވާފައެވެ.
މި ފުސަތުގައި ދައުލަތުންވަނީ ވ. އާރަށް ކުއްޔަށް ދިނުމުގައި އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުތަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަންޑޮލަރު ޔާމިން ލޯންޑަރ ކުރުމުގެ ގޮތުން ކޮށްފައިވާ ބޭންކު މުއާމަތާތްތަކުގެ ގިނަގުނަ ތަފްސީލްތަކެއް ހިމަނާފައި ވެއެވެ. އޭގެ ތެރޭގައި އެޗްއެސްބީސީގައި ހުޅުވާފައިވާ އެކައުންޓަކުން އެއް މިލިއަން ޑޮލަރު ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ކުރި މުއާލަމާތުގެ ތަފްސީލުތަކުގެ އިތުރުން، އަދީބުއާއި ފޯނުން ކޮށްފައިވާ މުއާމަލާތްތަކުގެ ގިނަ ތަފްސީލުތަކެއްވެސް ހިމެނެއެވެ.
އެންމެ ފަހުން ބޭއްވުނު ރައީސް ޔާމިންގެ ޝަރީއަތުގެ މަޖިލީހުގެ ދިފާއީ ވަކީލުން ދެއްކި ވާހަކަތަކުން އެގެން ހުރި ގޮތުގައި، ރައީސް ޔާމިންގެ ދިފާއުގައި ހެކިބަސް ދީފައިވާ ކުރީގެ ދެ ވަޒީރުން ކަމުގައިވާ އޭރުގެ އިކޮނޮމިން މިނިސްޓަރ މުހައްމަދު ސައީދުއާއި އޭރުގެ ޔޫތު މިނިޓަރ އަހުމަދު ޒުހޫރުގެ ހެކިބަސް ނަފީ ކުރުމަށްޓަކާ ދައުލަތުން، އިވައިސީގައި އެ ދެބޭފުޅުން އޭރު ސޮއި ކޮށްފައިވާ ޔައުމިއްޔާތައް ޝަރީއަތަށް ވަނީ ހުށަހަޅުއްވާފައެވެ.
އަދި ޝަރީއަތުގެ މަޖިލީހަށް އާ ލިޔުންތަކެއް ހުށަހަޅުއްވަމުން ދައުލަތުން ބުނެފައިވަނީ މި ލިޔުންތަކަކީ، ޔާމިންގެ ދިފާއުގައި ހެކިބަސް ދީފައިވާ ހެކިންގެ ހެކިބަހުގެ ސައްޙަކަމާމެދު ސުވާލު އުފެއްދުމުގެ އިތުރުން ހެކިބަސްތައް ނަފީކުރުމަށްޓަކާ ހުށަހެޅުއްވި ލިޔެކިޔުންތަކެއް ކަމުގައެވެ.
ޝަރީއަތުގެ މަޖިލިހުގައި ދައުލަތުން ހުށެހެޅި ލިޔެކިތުންތަކުގެ ތެރޭގައި އީވައިސީގެ އޭރުގެ ޔައުމިއްޔާތަށް ހިމެނޭކަން ހާމަވީ، ޝަރީއަތުގައި، ދައުވާލިބޭ ޔޫސުފް ނައީމުގް ވަކީލު ހަމްޒާ ލަތީފް މި ލިޔެކިޔުންތަކާއި ގުޅޭގޮތުން އެ ޝަރީއަތުގެ މަޖިލީހުގައި ދެއްކެވި ވާހަކަތަކުންނެވެ. ދައުލަތުން ހުށަހެޅި ލިޔުންތަކާއި ގުޅޭގޮތުން ޔޫސުފް ނައީމްގެ ވަކީލުން ވިދާޅުވީ ދައުލަތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ހާޒިރީ ޝީޓްތަކާއި، 2015 ވަނަ އަހަރާއި 2019 ވަނަ އަހަރާއި ދެމެދުގެ ޔައުމިއްޔާތައްވެސް ހިމެނޭ ކަމަށާއި އެހެންކަމުން އެ ލިޔުންތައް ކުރިންވެސް ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮތް ކަމުގައެވެ.
އަދި މި މަރުހަލާގައި އާ ލިޔެކިޔުންތަކެއް ހުށަހަޅުއްވައިގެން އާ ހެކިތައް ހުށަހަޅުމުން ދާނަމަ، ޝަރީއަތަށް ދުވަހަކުވެސް ނިމުމެއް ނާންނާނެ ކަމަށާއި، ދައުލަތުން ހުށަހެޅި ލިޔުންތައް ޝަރީއަތަށް ހުށަހަޅަންޖެހުނު ސަބަބުވެސް ނުވިސްނޭކަމަށް ޔޫސުފް ނައީމްގެ ވަކީލު އެންމެ ފަހުން ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ