މިދިޔަ ބުދަ ދުވަހު، ދަންވަރުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހި ގެ ސާފް ކުރަމުން ދަނިކޮށް މީހެއްގެ ފައިތިލަ ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާލުވީ ނިރުފެހިގެ ސާފުކޮށް ކުނިތައް ނެގުމުގެ ތެރޭގައި މީހެއްގެ ފައިތިލަ މިއަދު ފެނިފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޮފިޝަލް ހާމައެއް ނުކުރައްވައެވެ.
މި އަލިފާނުގެ ހާދިސާ ހިނގިއިރު އެގޭގައި 26 މީހަކު ތިއްބެވެ. އޭގެ ތެރެއިން 10 މީހަކު ނިޔާވިއިރު، އެކަކަށް އައިޖީއެމްގައި ދަނީ ފަރުވާދެމުންނެވެ. މި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ހިތާމަވެރި އަލިފާނުގެ ހާދިސާއެވެ.
ނިޔާވެފައި އޮއްވައި ފެނުނު މީހުންގެ ހަށިތައް ފެނުނު އިރު، ކާކުކަން ވަކި ނުވާ ވަރަށް ބައެއް މީހުންގެ ހަށިތައް ވަނީ އަނދައިފައެވެ. މި އެންމެންގެ ހަށިތައް ވެސް ހޯދާފައި ވަނީ ގޭގެ ފުރަތަމަ ފަންގިފިލާއިންނެވެ.
މި އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ބަންގްލަދޭޝްގެ 2 މީހަކާއި އިންޑިއާގެ 8 މީހެކެވެ. މީގެ ތެރެއިން އިންޑިއާއަށް ނިސްބަތްވާ 3 މީހެއްގެ ހަށިގަނޑު މިހާރުވަނީ އެ ޤައުމަށް ފޮނުވާލާފައެވެ. އަދި ބާކީ ތިބި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ ޤައުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އަލިފާން ރޯވި ގަރާޖަކީ ހުޅުމާލޭގައި ހިންގަން ހުއްދަ ދީފައިވާ ތަނެއް ކަމަށާއި އެތަން ހިންގަނީ ގަވައިދާ ހިލާފަށް ކަމަށް ވާތީ އެކަން ވެސް ވަކިން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގި އިމާރާތުގެ އެތެރެ ހަދާފައި ހުރީ ފިލައިން ކަމަށާއި އޭގެ ތެރެއިން އެއް ފަންގިފިލާގައި 4 ކޮޓަރި، އަދި އަނެއް ފަންގިފިލާގައި 8 ކޮޓަރި ހަދާފައިވެއެވެ. އެ ތަންތަންވެސް ވަކިކޮށްފައި ހުރީ ފިލައިންނެވެ.
މަރުވި މީހުންގެ ހަށިގަނޑުތައް އެ މީހުންގެ ގައުމަށް އާއިލާއަށް ފޮނުވަން ސަރުކާރުން ވަނީ ނިންމައިފައެވެ. މިހާތަނަށް އިންޑިއާގެ ތިން މީހެއްގެ ހަށިގަނޑު ވަނީ ފޮނުވައިލައިފައެވެ. ބާކީ ތިބި މީހުންގެ ހަށިގަނޑު ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ