ކޯޗު އެރިކް ޓެން ހަގް އާއި ސީނިއާ އޮފިޝަލުންތަކެއް އޭނާ ކްލަބުން ބޭރުކުރަން މަސައްކަތްކުރާ ކަމަށާއި އޭނާ އަށް ކުރެވެނީ ކްލަބުން އޭނާ އަށް އޮޅުވާލާފައިވާ ކަމުގެ އިހުސާސް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ވޯލްޑް ކަޕަށް އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ކުޅުނު ފަހު މެޗުގައި ރޭ ޔުނައިޓެޑުން ވަނީ ފުލަމް ދަނޑުގައި 2-1 އިން މޮޅުވެފައެވެ. އެ މެޗު ނިމުނުތާ ހަތަރު ވަރަކަށް ގަޑިއިރު ތެރޭގައި ޓޯކްޓީވީގެ ޕިއާސް މޯގަން އަށް މީގެ ކުރިން ރޮނާލްޑޯ ދިން އިންޓަވިއުއެއްގެ މަންޒަރުތަކެއް ވަނީ ދައްކާލައިފައެވެ. ރޮނާލްޑޯ ވަނީ އެ އިންޓަވިއުގައި ޔުނައިޓެޑާއި އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގަށް ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ރޮނާލްޑޯ ބުނީ ކްލަބުގެ ބައެއް އިސް އޮފިޝަލުން އޭނާ އެ ކްލަބުގައި ބަހައްޓަން ބޭނުންނުވާ ކަމަށާއި މިދިޔަ އަހަރު ވެސް އެ މަސައްކަތް އެ މީހުން ކުރި ކަމަށެވެ. އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޔުނައިޓެޑުގައި ވިދާލި ރޮނާލްޑޯ ބުނީ ފާގަސަން ދިޔަ ފަހުން ކްލަބަށް ކުރިއެރުމެއް ނާންނަ ކަމަށާއި އެއްވެސް ކަމެއް ބަދަލުނުވާ ކަމަށެވެ.
އަހަރެން ބޭނުންވަނީ މި ކްލަބަށް އެންމެ ރަނގަޅު ގޮތް ވާން. އެހެންވެ އެނބުރި އައީ ވެސް.
– ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވެ، ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިނުވާތީ އޭނާ އަށް ގިނަ ސުވާލުތަކެއް އަމާޒުވި އެވެ. އަދި ޕްރީ ސީޒަނުގައި ރޮނާލްޑޯ ބައިވެރިވާން ފަށައި، ޔުނައިޓެޑުން ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުމުން ރޮނާލްޑޯ ދަނޑުން ދިޔަ މައްސަލައިގައި ވެސް އޭނާ އާއި ޓެން ހާގް މެދުގައި ހިތްހަމަނުޖެހުންތަކެއް އުފެދުނެވެ.
ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ޔުނައިޓެޑް ކުޅުނު މެޗުގެ ފަހުކޮޅުގައި ރޮނާލްޑޯ ވަނީ ދަނޑުން ގޮސްފަ އެވެ. އެ މެޗަށް ފަހު ޓެން ހާގް ބުނީ، "ރޮނާލްޑޯ މެޗަށް އަރަން ދެކޮޅު ހެދި" ކަމަށެވެ. އެހެންވެ، ޗެލްސީ މެޗުގެ ސްކޮޑުން ރޮނާލްޑޯ ބާކީކޮށް އަދަބު ދިނެވެ.
އެކަމަކު ޔުނައިޓެޑަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ނުލިބުމުން އޭނާ ވަނީ ޓީމު ދޫކޮށްލަން މަސައްކަތްކޮށްފައެވެ. އަނެއްކޮޅުން އާ ކޯޗު ޓެން ހަގްގެ ޕްލޭނުގައި އޭނާ ނުވެސް ހިމެނެއެވެ. ދާދި ފަހުން ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅެން އަރަން ރޮނާލްޑޯ ދެކޮޅު ހެދުމުން ޓެން ހަގް ވަނީ އަދަބު ދީފައެވެ. އޭގެ ފަހުން އެސްޓަން ވިލާ އަތުންް 3-1 އިން މޮޅުވި މެޗުގައި ރޮނާލްޑޯ އަށް ކޯޗު ކެޕްޓަންކަން ދިނެވެ. އެއާ އެކު ބެލެވުނީ މައްސަލަ ހައްލުވީ ކަމަށެވެ. އެކަމަކު އިންޓަވިއުގައި ރޮނާލްޑޯ ބުނީ ޓެން ހަގް އަށް އިހުތިރާމު ނުކުރާ ކަމަށެވެ.
އޭނާ އަހަންނަށް އިހުތިރާމް ނުކުރޭ އެހެންވެ އަހަރެން ވެސް އޭނާ އަށް އިހުތިރާމެއް ނުކުރަން. ހަމައެކަނި ކޯޗެއް ނޫން. ކްލަބުގައި އުޅޭ އިތުރު ދޭއް ނުވަތަ ތިން މީހަކު. އަހަންނަށް އިހުސާސްކުރެވެނީ އެ މީހުން އަހަންނަށް އޮޅުވާލާފައިވާ ކަމަށް.
– ރޮނާލްޑޯ ބުންޏެވެ.
ޔުނައިޓެޑްގައި ރޮނާލްޑޯއާ އެކު ކުޅުނު ވޭން ރޫނީ އަށް ވެސް ވަނީ ބަހުގެ ހަމަލާތަކެއް ފޮނުވާލައިފައެވެ. ރޮނާލްޑޯ ބުނީ އޭނާއާ މެދު ރޫނީ އެހާ ހިތްހަމަނުޖެހޭ ސަަބަބެއް ނޭނގޭ ކަމަށެވެ. ޔަގީނުން ވެސް އެނގެން އޮތް ކަމަކީ ރޫނީ އެ ހުރީ ކެރިއަރު ނިންމާލައިގެން ކަމަށެެވެ. އަދި ރޮނާލްޑޯ އަދިވެސް ކުޅެމުން އަންނާތީ އެ ކަމާ ރޫނީ ހިތްހަމަނުޖެހެނީ ކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
ބެލެވޭ ގޮތުގައި ވޯލްޑް ކަޕަށް ފަހު ޖެނުއަރީ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ރޮނާލްޑޯ ކްލަބް ދޫކޮށްލާނެއެވެ. ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ އަށް ކްލަބަކަށް ނުދެވުނީ އޭނާގެ މުސާރަ ބޮޑުވުމުންނެވެ. އެހެންވެ އެކަން ގުރުބާންކޮށްފައި ވިޔަސް އޭނާ މި ފަހަރު ކްލަބް ދޫކުރާނެ ކަމަށް ބެލެވެއެވެ.