އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަ ކޮށްލުމުގައި އެހީތެރިވެދިނުމުގެ ކުށް ސާބިތުވެ އުމުރަށް ޖަލާފައިތިބި ހަ މީހުން އެގައުމުގެ ސުޕްރިމް ކޯޓުން މިނިވަން ކުރުމާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓުގެ މި ނިންމުމަށް ފާޑު ކިޔައިފިއެވެ.
އިންޑިއާގެ ސުޕްރިމް ކޯޓުގެ މި ނިންމުމަށް ފާޑު ކިޔަމުން ކޮންގްރެެސް ޕާޓީން ހުކުރު ދުވަހު ބުނެފައިވަނީ ކޯޓުގެ މި ނިންމުމަކީ ގަބޫލުކުރެވޭނެ ނިންމުމެއް ނޫން ކަމަށާއި، އަދި މިއީ ގޯސް ނިންމުމެއް ކަމުގައެވެ.
ގޮންގްރެސް ޕާޓީން ބުނެފައިވަނީ، މަތީ ކޯޓުގެ މި ނިންމުމަކީ މިމައްސަލާގައި އިންޑިއާގެ މަސްލަހަތާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމުގައެވެ.
My statement on the decision of the Supreme Court to free the remaining killers of former PM Shri. Rajiv Gandhi pic.twitter.com/ErwqnDGZLc
— Jairam Ramesh (@Jairam_Ramesh) November 11, 2022
31 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އުމުރަށް ޖަލަށްލާފައިވާ 6 މީހުން އިންޑިއާގެ ސުޕްރިމް ކޯޓުން މިނިވަން ކޮށްފައިވަނީ ފާއިތުވެދިޔަ ހުކުރު ދުވަހުއެވެ.
މިއަހަރު މޭމަހު، އިންޑިއާގެ ސުޕްރީމް ކޯޓުންވަނީ، އެކޯޓަށް ލިބިފައިވާ ދުސްތޫރީ ބާރުތަކުގެ ދަށުން، އެ މައްސަލާގައި އުމުރަށް ޖަލަށް ލާފައިވާ 7 ވަނަ މީހާވެސް މިނިވަން ކޮށްފައެވެ. އެ ކޯޓުން ބުނެފައިވަނީ ކޯޓުގެ މި ނިންމުން، މިމައްސަލާގައި ޖަލަށް ލާފައިވާ ހުރިހާ އެންމެންގެ މައްޗަށްވެސް ހިގާނެ ކަމުގައެވެ.
ކޯޓުން މިނިވަން ކުރި 6 މީހުންގެ ތެރޭގައި، މި މައްސަލާގައި ޖަލަށް ލާފައިވާ ހަމައެކަނިން އަންހެން މީހާ ނާލިނީވެސް ހިމެނެއެވެ. 31 އަހަރު ޖަލުގައި ހޭދަކޮށް، އޭނާ ވެގެން ގޮސްފައިވަނީ އިންޑިއާގެ އެންމެ ދިގު މުއްދަތެއް ޖަލުގައި ހޭދަކުރި އަންހެން ގައިދީ ކަމުގައެވެ.
ސުޕްރީމް ކޯޓުން ދެން މިނިވަން ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ސިހާރާންއާއި، މުރުގަން އާއި، ރޮބަރޓް ޕަޔާސްގެ އިތުރުން އާރުޕީ ރަވިޗަންދުރަންއެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ، މި ގައިދީންނަކީ ޖަލުގައި އަޚްލާގު ރަގަޅުކޮށް އުޅެފައިވާ، ޑިގްރީވެސް ހާސިލްކޮށް އަދި ފޮތްތައް ޝާޢިއުކޮށް އަދި އޭގެ އިޖުތިމާއީ ކަންކަމުގައިވެސް ބައިވެރިވެފައިވާ ގައިދީން ކަމުގައެވެ.
މި 7 ގައިދީން ޖަލުން މިނިވަން ކުރުމަށް އެމީހުން ޖަލަށް ލާފައިވާ ޓެމިލްނާޑޫގެ ފާއިތުވެދިޔަ ގިނަ ސަރުކާރުތަކުން މަސައްކަތް ކޮށްފައި ވެއެވެ. ޓެމިލްނާޑޫގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި މީހުންނަކީ 1991 ވަނަ އަހަރު ރަޖީވް ގާނދީ އަވަހާރަކޮށްލި ހާދިސާގައި ވަރަށް ކުޑަކޮށް ބައިވެރިވެފައިވާ، އަދި ބަޔަކު ހިންގި މި ޕްލޮޓްގެ މައުލޫމާތު ވަރަށް ކުޑަކޮށް ލިބިތިބި ބައެއް ކަމުގައެވެ.
ރަޖީވް ގާނދީ އަވަހާރަ ކޮށްލާފައިވަނީ 1991 ވަނަ އަހަރުގެ މޭމަހުގެ 21 ވަނަ ދުވަހު، ޓެމިލްނާޑޫގެ ސްރީޕެރުންބަދޫރުގައި ކެމްޕޭ އެއްވެމުގައި ބައިވެރިވަމުން ދަނިކޮށެވެ. އޭނާ އަވަހާރަ ކޮށްލާފައިވަނީ ސްރީ ލަންކާގެ ޓައިގާރސް އޮފް ޓެމިލް އީލާމް (LTTE)ގެ އަންހެން މެމްބަރަކު ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައެވެ.
ޖަލުން ދޫކޮށްލި 7 މީހުންނަކީވެސް ރަޖީވް ގާނދީ އަވަހާރަ ކޮށްލި މައްސަލާގައި އެންމެ ފުރަތަމަ މެރުމަށް ހުކުމް ކޮށްފައިވާ މީހުންނެވެ.
ޖަލުން ދޫކޮށްލި، އަންހެން ގައިދީ ކަމުގައިވާ ނާލިނީ ސްރީހަރަން މެރުމަށް ކޯޓުން ކުރި ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައިވަނީ، ރަޖީވް ގާނދީގެ ހުވަފަތް އަނބިކަބަލުން އަދި ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސާ ސޯނިއާ ގާނދީ މެދުވެރިވެގެން 2،000 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު، ރަޖީވް ގާނދީގެ ދަރި ކަނބަލުން ޕްރިޔަންކާ ގާނދީވަނީ ޖަލުގައި އޭނާއާއި ބައްދަލު ކޮށްފައެވެ.
ނާލިނީ ވަނީ ޖަލުގައި އޭނާގެ އަންހެން ދަރިފުޅުވެސް ވިހާފައެވެ. 1991 ވަނަ އަހަރު އޭނާ ހައްޔަރު ކުރިއިރު އޭނާގެ ދަރިފުޅަށް އޭނާ ބަލިވެ އިންތާ ވެފައިވަނީ އެންމެ ދެ މަހެވެ. ސޯނިޔާ ގާނދީ އޭނާ މަރުހުކުމުން ސަލާމަތް ކުރުމަށް އެދިފައިވަނީ އޭނާގެ ދަރިފުޅުގެ ހައްގުގައި އިންސާނިއްޔަތަށްޓަކައެވެ.
އަނެއް 6 ކުށްވެރިން މެރުމަށް ކުރި ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.