ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދުކުރެވެން ނެތްކަމަށް އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކޯޕް27 ސަމިޓުގައި ސްރީ ލަންކާ ތަމްސީލު ކުރައްވަން މިހާރު މިސްރުގެ ޝަރުމުއްޝައިޚު ރިސޯޓުގައި ހުންނެވި ނަޝީދު އެމްޑީގެ މެމްބަރުން ތިބޭ ވަޓްސްއަޕް ގުރޫޕެއްގައި ވިދާޅުވީ "މިފަހަރު ރައީސް ސޯލިހަށް ތާއިދުކުރެވޭކަށް ނެތް" ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ވަޓްސްއަޕް ގުރޫގައި، ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު އެމަނިކްފާނު ކުރިޔަށް އޮތް ޕްރައިމަރީގައި ތާއީދު ކުރައްވާނީ ރައީސް ސާލިހަށް ކަމަށް ވިދާޅުވެ ވަޓްސްއަޕް ގުރޫޕުގައި ރައީސް ސާލިހަށް ތާއީދު ކުރައްވާނެކަން ހާމަ ކުރެއްވުމާއި ގުޅިގެންނެވެ.
އެހެންނަމަވެސް ވަޓްސްއަޕް ގުރޫޕުގައި ރައީސް ސާލިހަށް ތާއީދު ނުކުރައްވާނޭކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި މެސެޖާއެކު، ކުރިޔަށް އޮތް ޕްރައިމަރީގައި ވާދަކުރައްވާނޭކަން ހާމަކުރައްވާފައެެއް ނުވެއެވެ.
ފަހަކަށް އައިސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމާއި ގުޅިގެން ނަޝީދު ވާހަކަ ދައްކަވާފައި ނުވިނަމަވެސް، ފާއިތުވެދިޔަތަނުގައި ނަޝީދު ވިދާޅުވަމުން ގެންދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެނޑިޑޭޓެއް ނިންމާން ވާނީ ރިޔާސީ ޕްރައިމަރީއަކުން ކަމަށާއި، އެ ޕްރައިމަރީގައި ވާދަވެސް ކުރައްވާނޭ ކަމަށެވެ.
ހަމައެއާއެކު ރައީސް ސާލިހު ފާއިތިވެދިޔަ ތަނުގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް އޮތް "ޗޮއިސް"އަކީ އެމަނިކްފާނު ކަމަށާއި، އެމަނިކްފާނު އަދިވެސް ވާދަކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވަނީ މިހާރުވެސް އޮތް ކޯލިޝަންއާއެކީ ކަމަށެވެ.
ބައެއް ފަރާތްތަކުން ވިދާޅުވާ ގޮތުގައި، ފާއިތުވެދިޔަ އެމްޑީޕީގެ ކޮންގްރެސްގައި ނަޝީދަށް އެޕާޓީގެ އެތެރޭގެ ތާއީދު ނެތްކަން ވަޒަންކުރެވި، ކުރިޔަށް އޮތް އެޕާޓީގެ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރެއްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގައި ރައީސް ނަޝީދާއި ރައީސް ސާލިހާއި ދެބޭފުޅުން ޚިޔާލުތަފާތުވެ ޕާޓީވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. އަދި ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްވެސް ވަނީ ދެ ފެކްޝަނެއްގެ ގޮތުގައި މަސައްކަތް ކުރާން ފަށާފައެވެ.
ރިޔާސީ އިންތިޚާބަށް 9 މަސް ދުވަހަށް ވެފައިވާއިރު، އިންތިޚާބުގައި އެމްޑީޕީން ނެރޭނެ ކެނޑިޑޭޓެއް އަދި ހާމަކޮށްފައި ނުވެއެވެ. އެމްޑީޕީގެ ތަރުޖަމާންކަމާ ދާދިފަހުން ހަވާލުވި، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަނަސް އަބްދުއްސައްތާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ޕްރައިމަރީ ބާއްވާނެ ދުވަހެއް އިއުލާންކުރާނީ އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކަމަށެވެ. އިދާރީ މަސައްކަތްތައް ނިމޭނެ ވަކި ދުވަހެއްވެސް އެމްޑީޕީން އަދި ހާމަކޮށްފައެއް ނުވެއެވެ.