ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ބާއްވަމުން ގެންދިޔަ ސިޔާސީ އެއްވުމެއްގައި މިދިޔަ ބުރާސްފަތި ދުވަހު ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޒަޚަމް ކޮށްލި ޙާދިސާ ކުށްވެރިކޮށް ރާއްޖޭގެ ސަރުކާރުން އެއްވެސް ބަހެއް ނުބުނާތީ، ކުރީގެ އިސްލާމިކް މިނިސްޓަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ޝަހީމް ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެއާ އެކުވެރި ދައުލަތް، ޕާކިސްތާނުގެ ވެރިކަންކުރައްވާފައިވާ ބޭފުޅަކު އަވަހާރާކޮށްލަން ދިން ޙަމަލާ ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާއިރު، ދިވެހި ސަރުކާރުން އެކަން ކުށްވެރިނުކޮށް ހަނު ތިބުމަކީ ދިވެހި ދައުލަތުގެ މަތިވެރިކަމަށް އުނިކަން ގެނުވާކަމެއްކަމަށެވެ.
ޑރ.ޝަހީމަކީ ޕާކިސްތާނުން ތަޢުލީމް ޙާސިލްކުރައްވާފައިވާ، އިސްލާމީ ދުނިޔޭގައި ނުފޫޒުގަދަ ޝަޚުސިއްޔަތެކެވެ. އިސްލާމްދީނާ ގުޅުންހުރި ކަންކަމުގައި މިހާރުގެ ސަރުކާރުން ޢަމަލުކުރާ ގޮތާމެދު ޝަހީމު އަންނަނީ ނުހުރުން ފާޅުކުރައްވަމުންނެވެ. އޭނާއަކީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމާއި، ރާއްޖޭގެ އިސްލާމީ ޔުނިވަރ ސިޓީގެ ޗަނސެލަރ ކަން އަދާކުރައްވާފައިވާ ބޭފުޅެކެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑރ.ޝަހީމްވަނީ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާފައެވެ.
ރާއްޖެއާ އެކުވެރި ދައުލަތް ޕާކިސްތާނުގެ ވެރިކަންކުރައްވާފައިވާ ބޭފުޅަކު އަވަހާރާކޮށްލަން ދިން ޙަމަލާ ދުނިޔޭގެ ޤައުމުތަކުން ކުށްވެރިކޮށް ބަޔާންތައް ނެރެމުންދާއިރު، ދިވެހި ސަރުކާރުން އެކަން ކުށްވެރިނުކޮށް ހަނު ތިބުމަކީ ދިވެހި ދައުލަތުގެ މަތިވެރިކަމަށް އުނިކަން ގެނުވާކަމެއް.
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 5, 2022
ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަވަހާރަކޮށްލަން މީހަކު ދިން ޙަމަލާ ދުނިޔޭގެ އިސްލާމީ ޤައުމުތަކާއި އެނޫންވެސް ބޮޑެތި އެތައް ޤައުމަކުން އަންނަނީ ކުށްވެރިކުރަމުންނެވެ. އަދި ރާއްޖޭގެ ސިޔާސީ ބޭފުޅުންވެސް އެކަން ކުށްވެރިކޮށްފައިވެއެވެ. އެހެންނަމަވެސް ދިވެހި ސަރުކާރުން ރަސްމީގޮތެއްގައި އަދި މިހާތަނަށް މިކަމުގައި އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
ޕާކިސްތާންގެ އިރުމަތީ ސިޓީއެއް ކަމުގައިވާ ވަޒިރުއާބާދުގައި ސިޔާސީ ހިގާލުމެއްގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް ބުރާސްފަތިދުވަހު ދިން މި ބަޑީގެ ހަމަލާ އަރާފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ. އިމްރާ ޚާންގެ އަރިސް ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާގެ އަމާޒަކީ އޭނާ އަވަހާރަ ކޮށްލުމެވެ. އެހެންނަމަވެސް މި ހަމަލާ އަމާޒު ކޮށްފައިވީ އިމްރާން ޚާން އަވަހާރަ ކޮށްލުމަށްކަމެއް ޕާކިސްތާންގެ ފުލުހުން އަދި ޔަގީން ކޮށްދީފައެއް ނުވެއެވެ.
އިމްރާން ޚާންގެ PTI ޕާޓީން ބުނެފައިވަނީ މި ހަމަލާތަކުގައި އިތުރު 4 މީހަކަށް އަނިޔާ ވެފައިވާ ކަމުގައެވެ.
މިހަމަލާ ދިންއިރު، މިހާރު އުމުރުން 70 އަހަރުގެ އިމްރާން ޚާން ގެންދިޔައީ، ފާއިތުވެދިޔަ އެޕްރިލްމަހު އޭނާ ބޮޑުވަޒީރުކަމުން ދުރުކުރުމަށްފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާ، ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ހިގާލުމެއްގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
މިހަމަލާއަށްފަހު އިމްރާން ޚާން ގެންދެވިފައިވަނީ ޕާކިސްތާންގެ ލާހޯރުގައި ހުރި ހޮސްޕިޓަލަކަށެވެ. PTI ޕާޓީގެ ތަރުޖަމާނަކު ވިދާޅުވެގައިވަނީ މި ހަމަލާ އަމާޒުވެފައިވަނީ އިމްރާން ޚާންގެ ފައިގެ ކަށިމައްޗަށެވެ.