ނަޞްރުގެ ދުވަހުގެ ޕެރޭޑު ކުޅުދުއްފުށީގައި ބާއްވައިފި

ނަޞްރުގެ ދުވަހުގެ ޕެރޭޑު ކުޅުދުއްފުށީގައި ބާއްވައިފި

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2022 08:59
0

މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ހދ.ކުޅުދުއްފުށީގައި ޕެރޭޑު މިއަދު ބާއްވައިފިއެވެ.

މިއަދު ހަވީރު، ނަޞްރުގެ ދުވަހުގެ ބަޠަލު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށް، ހދ.ކުޅުދުއްފުށީގައި އެމްއެންޑީއެފުން ބޭއްވި ޕެރޭޑުގެ ހަރަކާތް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފްގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ވަނީ ބައްލަވާލައްވާފައެވެ. އަދި، ހދ.ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވެސް މިއަދުގެ ޕެރޭޑު ބައްލަވާލެއްވުމަށް މަގުތަކަށް ނިކުތެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

ހދ.ކުޅުދުއްފުށީގައި މިއަދު ޕެރޭޑް ކުރިއަށްދިޔަ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ވަނީ ރާގު ކުޅެފައެވެ. ފެރޭޑުގެ ހަރަކާތަށްފަހުގައި ކުޅުދުއްފުށީގެ ދަނޑުގައި އެފްއާރްއެސްއާއި ކޯސްޑްގާޑުގެ މެރިންސްގެ އިތުރުން ޕެރޭޑްގައި ހަރަކާތްތެރިވި ސިފައިންނާ ޕެރޭޑްގެ ހަރަކާތްތައް ބަލަން ނިކުތް ކުޑަކުދިންނާއިއެކު އިންޓަރެކްޝަން ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ހދ.ކުޅުދުއްފުށްޓަށް ކުރެއްވި މި ޒިޔާރަތުގެ ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އާޢިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ހާލު ބައްލަވާލައްވާފައިވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގެ ބޭފުޅުންނާ ވެސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި މިނިސްޓަރގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން ބައެއް ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.