ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ބާއްވަމުން ގެންދިޔަ ސިޔާސީ އެއްވުމެއްގައި ދިން ބަޑީގެ ހަމަލާއެއްގައި އޭނާ ޒަޚަމް ކޮށްލައިފިއެވެ.
ޕާކިސްތާންގެ އިރުމަތީ ސިޓީއެއް ކަމުގައިވާ ވަޒިރުއާބާދުގައި ސިޔާސީ ހިގާލުމެއްގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނިކޮށް ދިން މި ބަޑީގެ ހަމަލާ އަރާފައިވަނީ އިމްރާން ޚާންގެ ފަޔަށެވެ. އިމްރާ ޚާންގެ އަރިސް ފަރާތްތަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ހަމަލާގެ އަމާޒަކީ އޭނާ އަވަހާރަ ކޮށްލުމެވެ. އެހެންނަމަވެސް މި ހަމަލާ އަމާޒު ކޮށްފައިވީ އިމްރާން ޚާން އަވަހާރަ ކޮށްލުމަށްކަމެއް ޕާކިސްތާންގެ ފުލުހުން އަދި ޔަގީން ކޮށްދީފައެއް ނުވެއެވެ.
އިމްރާން ޚާންގެ PTI ޕާޓީން ބުނެފައިވަނީ މި ހަމަލާތަކުގައި އިތުރު 4 މީހަކަށް އަނިޔާ ވެފައިވާ ކަމުގައެވެ.
މިހަމަލާ ދިންއިރު، މިހާރު އުމުރުން 70 އަހަރުގެ އިމްރާން ޚާން ގެންދިޔައީ، ފާއިތުވެދިޔަ އެޕްރިލްމަހު އޭނާ ބޮޑުވަޒީރުކަމުން ދުރުކުރުމަށްފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލާ، ޕާކިސްތާންގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ހިގާލުމެއްގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
މިހަމަލާއަށްފަހު އިމްރާން ޚާން ގެންދެވިފައިވަނީ ޕާކިސްތާންގެ ލާހޯރުގައި ހުރި ހޮސްޕިޓަލަކަށެވެ. PTI ޕާޓީގެ ތަރުޖަމާނަކު ވިދާޅުވެގައިވަނީ މި ހަމަލާ އަމާޒުވެފައިވަނީ އިމްރާން ޚާންގެ ފައިގެ ކަށިމައްޗަށެވެ.
ޕާޓީގެ އެހެން އިސް ބޭފުޅެއް ކަމުގައިވާ، ޕްރޮވިންޝަން ހެލްތު މިނިސްޓަރ ޔާސްމީން ރާޝިދު ވިދާޅުވީ އިމްރާން ޚާންގެ ހާލު ރަގަޅު ކަމުގައެވެ.
ޕާކިސްތާންގެ ޖިއޯ ޓީވީން ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ ފޫޓޭޖަކުންވަނީ، މި ހަމަލާއަށްފަހު، ކަނާތު ފައިގައި ބެންޑެޖް އަޅާފައިވަނިކޮށް އިމްރާން ޚާން އެއްގަމު އުޅަދެއްގައި ގެންދާ މަންޒަރު ފެނިގެން ގޮސްފައެވެ.
އެހެން ވީޑިއޯ ފޫޓޭޖެއްގައިވަނީ PTI ޕާޓީގެ މެމްބަރަކު މޫނުގައި ބެންޑޭޖް އަޅާއިގެން އަދި އޭނާގެ ހެދުން ލެއިން ތަތްތެޅިފައި ވަނިކޮށް ވަނީ ފެނިފައެވެ. އޭނާ އިމްރާން ޚާންއަށާއި ހަމަލާގައި ޒަޚަމްވި އެހެން މީހުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އޭދޭކަމަށް ބުނެފައި ވެއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވަނީ މިހަމަލާ ކުށްވެރިކޮށް، މިހަމަލާގެ ތަހުގީގު ވަގުތުން ކުރިޔަށް ގެންދިއުމަށް އަމުރު ކޮށްފައެވެ.
އިމްރާން ޚާން ގެންދަނީ އަވަސް އިންތިޚާބަކަށް ގޮވާލުމަށް ޕާކިސްތާންގައި ބޮޑެތި މުޒާހިރާތައް ބާއްވަމުންނެވެ. އެހެންނަމަވެސް ޕާކިސްތާންގެ ސަރުކާރުން ބުނެފައިވަނީ އިންތިޚާބު ބާއްވާނީ ހަމަޖެހިފައިވާ ގޮތަށް އަންނަ އަހަރުގައި ކަމުގައެވެ.