ނަޞްރުގެ ދުވަހުގެ ދިދަނެގުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

ނަޞްރުގެ ދުވަހުގެ ދިދަނެގުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފި

މިއަދު ރާއްޖޭގައި ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އެމްއެމްޑީއެފުން ދިދަނެގުމުގެ ޚާއްސަ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިއީ ކޮންމެ އަހަރަކުވެސް އެމްއެންޑީއެފުން ބާއްވާ ޙަރަކާތެކެވެ. މިއަހަރުވެސް ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމް.އެން.ޑީ.އެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ދިދަނެގުމުގެ ރަސްމިއްޔާތު ބޭއްވިއެވެ.

ފަހަށް އައިސް ނަޞްރުގެ ދުވަސް ފާހަގަކުރުމަކީ ހަމައެކި ސިފައިންގެ ތެރެއިން ސިފައިން ކުރާ ކަމެއްގެގޮތުގައި އޮންނަނީ ހަމަޖައްސާފައެވެ. އެގޮތުން އެމް.އެން.ޑީއެފްގެ މާލެއާއި އަތޮޅުތަކުގެ ސެންޓްރަލް ކޮމާންޑުތަކުގައި މިއަހަރުވެސް ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ބައެއް ހަރަކާތްތައް ރާވާފައިވެއެވެ. މިދިޔަ ދެތިން އަހަރެކޭ އެއްގޮތަށް މިއަހަރުގެ މިޙަރަކާތްތައް ފެށީ ސިފައިން ޖަމާޢަތުގައި ކުރި ފަތިސް ނަމާދުންނެވެ.

މާލޭގައި ސިފައިން ޖަމާޢަތުގައި ފަތިސްނަމާދުކުރުން އޮތީ އިސްލާމީ މަރުކަޒުގައެވެ. މާލޭގައި ނަޞްރުގެ ދުވަހުގެ ދިދައާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވެމްބަރު 3 ގެ ހަނދާނީ ބިނާގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމް.އެން.ޑީ.އެފްގެ އިސް އޮފިޝަލުން ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު، 3 ނޮވެމްބަރު 1988ގައި ޝަހީދުވި ސިފައިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނައެވެ.  އަދި ސިފައިންގެ ޢަޒުމް އާކޮށް ޝަހީދުވި ސިފައިންގެ ހަނދާނުގައި 7 ބަޑީގެ ސަލާމެއް އެރުވިއެވެ.

ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މިއަހަރު ދެން އޮތީ މިއަދު ހަވީރު މާލެއާއި، ބައެއް އެހެން ސަރަޙައްދުތަކުގައި ސިފައިން ބާއްވާ "ވިކްޓްރީ ލެޕް" ދުމެވެ. މީގެއިތުރުން މާދަމާ ހަވީރު ހދ.ކުޅުދުއްފުށީގެ މަގުތަކުގައި އަސްކަރީ ޕެރޭޑެއް ބާއްވައެވެ. ކުޅުދުއްފުއްޓަކީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ އުފަން ރަށެވެ.

ރާއްޖޭގެ ނަސްރުގެ ދުވަހަކީ 1988ވަނަ އަހަރުގެ ނޮވެމްބަރު 3ވަނަ ދުވަހު ދިވެހިންގެ މަދުބަޔަކާއެކު ސްރީލަންކާގެ ތަމަޅަ ޓައިގަރުންގެ 80ވަރަކަށް މީހުން ރާއްޖެއަށްދިން ޢުދުވާނީ ޙަމަލާ ނާކާމިޔާބުވެ ދިވެހިންނަށް ނަޞްރު ލިބުނު ދުވަހެވެ. 3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާ ރާވައި ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއާއި ސ.ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ. މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް (ޕައިލޮޓް ނަޢީމް)، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކާއި ޢުމަރު ޖަމާލެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *