ބުރިޖް ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހަކު ހައްޔަރު ކޮށްފި

ބުރިޖް ވެއްޓުނު ހާދިސާއާއި ގުޅިގެން 9 މީހަކު ހައްޔަރު ކޮށްފި

އިންޑިއާގެ ހުޅަނގުގެ ގުޖުރާތު ސްޓޭޓްގެ މޮބްރި ޑިސްޓްރިކްޓްގައި ބޭނުން ކުރަމުންއައި ސަސްޕެންޝަން ބުރިޖެއް ވެއްޓި ސަތޭއަކައަށްވުރެ ގިނަ މީހުން މަރުވި ހާދިސާއާއި ގުޅިގެން އިންޑިއާގެ ފުލުހުން 9 މީހަކު ހައްޔަރު ކޮށްފިއެވެ.

ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭގޮތުން 153 މީހުން މަރުވެފައިވާ، މި ބުރިޖް ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކުރި މީހުންގެ ތެރޭގައި ބުރިޖަށް އެރުމަށް ޓިކެޓް ވިއްކަން އިން ކުލާކުގެ އިތުރުން މި ބުރިޖްގެ މެއިންޓަނަންސް ބަލަހައްޓަމުން އައި ކުންފުނީގެ މުވައްޒަފުންވެސް ހިމެނެއެވެ.

މިހާރު އާންމު ވެފައިވާ ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ގުޖުރާތު ސްޓޭޓްގެ މޮބްރި ޑިސްޓްރިކްޓްގެ މައްޗު ކޯރު ހުރަސްކޮށް އަޅާފައިވާ މި ބުރިޖް ވެއްޓުމުގެ އިރުކޮޅެއް ކުރިން ބުރިޖް މަތީގައި އެތައްބަޔަކު ފޮޓޯ ނަގަމުންދިޔައިރު، އެލުވާލާގޮތަށް ހަދާފައިވާ މި ބުރިޖްގެ މަތީގައި، ބުރިޖް ދެފަރާތަށް ހެއްލޭގޮތަށް ބައެއް މީހުން ސަކަރާތްޖަހާ މަޖާކޮށް ހަދާ ތަންވެސް ފެންނާން ހުރެއެވެ.

މި ހާދިސާގައި ކޯރަށް ވެއްޓުނު މީހުން ސަލާމަތް ކުރުމަށް ކުރިޔަށް ގެންދާ ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަން އަންގާރަ ދުވަހުވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

230 މީޓަރުގެ ދިގު މި ބުރިޖަކީ 19ވަނަ ގަރުނުގައި އިނގިރޭސިންގެ އިސްތިއުމާރު އިންޑިއާގައި އޮތްއިރު ހަދާފައިވާ ބުރިޖެކެވެ. މި ބުރިޖް މަރާމާތު ކުރުމަށް 6 މަސްދުވަހަށް ބަންދު ކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ.

މި ބުރިޖަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުހިންމު މަންޒިލެކެވެ. އަދި ގުޖުރާތު ސްޓޭޓުގެ ޓުއަރިޒަމް ވެބްސައިޓުގައި މި ބުރިޖް ސިފަކޮށްފައިވަނީ، މި ބުރިޖަކީ "އާޓިސްޓިކް އަދި ޓެކްނިލޮޖީގެ އަޖައިބު ކުރުވަނިވި އުފެއްދުމެއް"ގެ ގޮތުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، އާދީއްތަ ދުވަހު ހަވީރު އިންޑިއާ ގަޑިން 18:40ގައި މި ބުރިޖް ވެއްޓުނުއިރު ބުރިޖް މަތީގައި އެތައް ސަތޭކަ މީހުން ތިއްބެވެ.

ހޯމަދުވަހު ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގައި 141 މީހުންވަނީ މަރުވެފައެވެ. އަދި އެއަށްފަހު ފުލުހުންވަނީ މިއަދަދު 153 އަށް ބަދަލު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *