ކުރިން ލަފާކުރެވުނު ވަރަށްވުރެ މިއަަހަރު ކުރިމަތިލާން ޖެހުނު އިގްތިސާދީ ގޮންޖެހުންތައް ބޮޑުވެ، ރަޝިޔާ-ޔުކްރެއިން ހަނގުރާމައާ އެކު ތެލާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން، ބަޖެޓަށް ބާރުބޮޑުވެފައިވާ ކަމަށާއި، ފިއުލް ސަބްސިޑީއަށް ބަޖެޓުކުރި 342 މިލިއަން ރުފިޔާ ހުސްވެ، މި އަހަރުގެ ނިޔަލަށް މިއަދަދު 2.3 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް އަންދާޒާކުރެވޭ ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
2023 އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ސަބަބުން ދިމާވި ދަތުރުފަތުރާ ލޮޖިސްޓިކްސްއަށް ހުރި ހުރަސްތައް ނެތުމާއެކު، މަޝްރޫޢުތައް ބާރަށް ހިނގައިގަނެ، އެމަޝްރޫއުތަކުގެ ޚަރަދުވެސް އިތުރުވެފައިވާ ކަމަށާއި، މި ކަންކަމާއެކު 2022 ގެ ބަޖެޓު 42.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިހާރު ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން 2022 ގެ ބަޖެޓަށް އިތުރަށް ފައިސާ ބޭނުންވެފައިވާކަން ހާމަކުރައްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، 2022 ގެ ބަޖެޓު ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާ މިހާރު އިތުރަށް ބޭނުން ވެފައިވާ ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، 2022ގެ ބަޖެޓަށް އިތުރަށް ބޭނުންވެފައިވާ ފައިސާ ފައިނޭންސްކުރުމަށް ހަމަޖެހިފައިވަނީ، މަޝްރޫޢުތަކަށް ލިބިފައިވާ ލޯނުތަކުންނާއި ޑޮމެސްޓިކް މާކެޓުން ފައިނޭންސިންގ ހޯދައިގެންނެވެ.
އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، 2022 ވަނަ އަހަރުގެ ބަޖެޓު އިތުރުވި ނަމަވެސް، އާމްދަނީވެސް ފާސްކުރި ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރުވެފައިވާ ކަމުގައެވެ. މިގޮތުން 2022 ވަނަ އަހަރު ލިބޭނެކަމަށް މިހާރު އަންދާޒާކުރެވެނީ 26.4 ބިލިއަން ރުފިޔާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަމީރު ވިދާޅުވި ގޮތުގައި އާމްދަނީ ރަނގަޅުވެފައިވަނީ އަންދާޒާ ކުރި މިންވަރަށްވުރެ ރާއްޖޭގެ ޓޫރިޒަމް އާއި ވިޔަފާރިތައް ރަނގަޅުވެފައިވާތީ ކަމަށާއި، ވަކިން ޚާއްސަކޮށް ޓީޖީއެސްޓީން ލިބޭ އާމްދަނީ މަތިވުމުގެ ސަބަބުން ކަމުގައެވެ. އެއާއެކު 2022 ވަނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް ހުންނާނެކަމަށް މިހާރު ބަޖެޓުގައި އަންދާޒާ ކޮށްފައިވަނީ 13.6 ބިލިއަން ރުފިޔާގައެވެ. މިއީ. ޖީ.ޑީ.ޕީގެ ނިސްބަތުން 14.3 އިންސައްތައެވެ.
ކޮމެންޓު ފޮނުވާ