ފިސްކަލް ކޮންސޮލިޑޭޝަންގެ ފިޔަވަޅުތަކާއެކު، އަންނަ އަހަރުގެ ބަޖެޓުގެ ޑެފިސިޓް 8.5 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެކަމަށާއި، މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 8.1 އިންސައްތަ ކަމުގައި ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
2023އަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 5 ބިލިއަން ރުފިޔާ ކަމަށާއި، މިއީ ފިސްކަލް ސްޓްރެޓެޖީގެ ޓާގެޓާ އެއްގޮތަށް ޖީ.ޑީ.ޕީގެ ނިސްބަތުން 4.8 އިންސައްތަ ކަމުގައެވެ.
ބެޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ޑެފިސިޓާއި ދަރަނި އަދާކުރުމަށާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ޓްރާންސްފަރ ހިމަނައިގެން ބަޖެޓު ފައިނޭންސްކުރުމަށް 11.5 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެކަމުގައެވެ. މީގެ ތެރެއިން 6.5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވަނީ ބޭރުގެ ފަރާތްތަކުން ކަމަށާއި، މީގެ ތެރޭގައި މަޝްރޫޢުތަކަށް މިހާރު ސޮއިކޮށްފައިވާ ލޯނުތަކުން ޚަރަދުވާނެކަމަށް ބެލެވޭ 4.1 ބިލިއަން ރުފިޔާ ހިމެނޭކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ އިތުރުން، މިނިސްޓަރު ވިދާޅުވީ ބޭރުން އިތުރަށް ހޯދުމަށް ރޭވިފައިވަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުންނާއި ރަހުމަތްތެރި ދައުލަތްތަކުން ހޯދުމަށް ރޭވިފައިވާ 150 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި، މީގެ އިތުރުން އެތެރޭގެ ފަރާތްތަކުން 5 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވާކަމުގައެވެ. މީގެ ތެރެއިން 7.4 ބިލިއަން ރުފިޔާއަކީ ޓްރެޜަރީ ބިލު އިތުރަށް ވިއްކުމަށް ރޭވިފައިވާ ފައިސާ އެވެ.
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ 43 ބިލިއަން ފުރިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކުޜާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބުރާހިމް އަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅުއްވި ބަޖެޓްގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިގާނެކަމަށް ލަފާކުރެވެނީ 40.6 ބިލިއަން ރުފިޔާ ކަމުގައެވެ.
އެއީ ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިގާ 28.6 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 14.1 ބިލިއަން ރުފިޔާއެވެ. މ އަދި ބަޖެޓާއި ޚަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.1 ބިލިއަން ރުފިޔާ ކަމަށްވެސް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ