ބޭރުގެ ދައުލަތްތަކުގެ ވެރީން ދީފައިވާ ބައެއް ތަކެތި ވަގަށް ނަގާފައިވާކަމުގެ ތުހުމަތުގައި، ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް ޕާކިސްތާންގެ ގާނޫނުހަދާ މަޖިލީހަށް ވާދަ ނުކުރެވޭނެކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތުގައި އިމްރާ ޚާންއަށް ގާނޫނުހަދާ މަޖިލިހުގެ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް އިލްކެޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އޭނާގެ ޓެހްރީކް-އެ-އިންސާފް (PTI) ޕާޓީންވަނީ އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މުޒާހިރާކުރުމަށް ގޮވާލާފައެވެ.
ގާނޫނުހަދާ މަޖިލީހަށް އިމްރާން ޚާންއަށް ވާދަ ނުކުރެވޭ ގޮތަށް ނިންމުމާއި ގުޅިގެން، ޕާކިސްތާންގެ ބޮޑުވަޒީރުކަމަށް އަލުން ވަޑައިގަތުމުގެ ފުރުސަތު އިމްރާން ޚާންއަށް ގެއްލިގެން ދާނެެއެވެ.
އިމްރާން ޚާންގެ ޕާޓީ ޓެހްރީކް-އެ-އިންސާފްގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުން ފައިސަލް ފަރީދު ޗައުދަރީ ވިދާޅުވެފައިވަނީ، މިމައްސަލަ އިސްލާމްއާބާދުގެ ހައި ކޯޓަށް ހުށަހެޅުމުގެ ކުރިން އެ ޓީމުން މިހާރު މަޑުކުރަމުންދަނީ އިލެކްޝަން ކޮމިޝަންގެ މި ނިންމުމުގެ ތަފްސީލު ލިބޭނެ ވަގުތަކަށް ކަމުގައެވެ. އޭނާ ވިދާޅުވި ގޮތުގައި، މިފަދަ އަމުރެއް އިލެކްޝަން ކޮމިޝަނަށް ނެރެވިދާނެ ކަމުގެ ގާނޫނީ ހައިސިއްޔަތާއި ގުޅޭގޮތުންވެސް ގާނޫނީ ޓީމުން ސުވާލު އުފައްދާނެ ކަމުގައެވެ.
"އެތަނަށް މިފަދަ އަމުރެއް ނެރެވިދާނެތޯ، އަދި އެ ކޮމިޝަންގެ ހައިސިއްޔަތަކީ ކޮބައިތޯވެސް އަހަރެމެން ސުވާލު އުފައްދާނަން،" ފައިސަލް ފަރީދު ޗައުދަރީ ވިދާޅުވެފައި ވެއެވެ.
އިމްރާން ޚާންއާއި ދެކޮޅަށް އިލެކްޝަން ކޮމިޝަނަށް ފާއިތުވި އޮގަސްޓްމަހު މައްސަލަ ހުށަހަޅާފައިވަނީ ޕާކިސްތާން މުސްލިމް ލީގުގެ މެމްބަރެކެވެ. އޭނާ ހުށަހަޅުއްވާފައިވާ މައްސަލާގައި ބުނެފައިވަނީ، ބޭރުގެ އިއްޒަތްތެރިން ދައުލަތަށް ދީފައިވާ ބައެއް ހަދިޔާތަށް އިމްރާން ޚާން ގަނެފައިވާ ކަމަށާއި، އޭނާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅި މާލީ ބަޔާންތަކުގައި އެތަކެތި ޑިކްލެއަރ ކޮށްފައި ނުވާކަމުގައެވެ.
އިލެކްޝަން ކޮމިޝަންގެ ނިންމުން ޗައުދަރީ ސިފަކޮށްފައިވަނީ "ޕާކިސްތާން ރައްޔިތުންގެ މޫނުމަތީގައި ޖެހި ފަތާލެއްގެ" ގޮތުގައެވެ.
"މި ނިންމުމަކީ އިމްރާން ޚާންއަށް އެކަނި ދިން ހަމަލާއެއް ނޫން. މިއީ ޕާކިސްތާންގެ ގާނޫނު އަސާސީއަށާއި އެގައުމުގެ ރައްޔިތުންނަށް ދިން ހަމަލާއެއް،" ޗައުދަރީ ވިދާޅުވެފައި ވެއެވެ.
އިލެކްޝަން ކޮމިޝަންގެ ނިންމުމާއި ދެކޮޅަށް ޕާކިސްތާންގެ އެކި ސިޓީތަކުގައި އިމްރާން ޚާންއަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މުޒާހިރާ ކުރަމުންނެވެ.