ޤާނޫނީ ރޮގުން ތައުލީމް ހާސިލް ކުރާ ދަރިވަރުންނަށް ފަސޭހަވާނޭ ގޮތަށް ބާކައުންސިލުން ބަލައި ގަންނަނީ ކޮން ޔުނިވާސިޓީތަކެއްގެ ޑީގްރީއެއްކަން އާންމު ކުރަންޖެހިފައިވާކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުޖުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
މަދީނާ ޔުނިވާސިޓީން އިސްލާމީ ޝަރީއާ ޑިގްރީ ހަދާފައިވާ ދަރިވަރުންނަށާއި، އޮކްސްފޯޑް ޔުނިވަރސިޓީގެ ގާނޫނީ ޑިގްރީ ހާސިލު ކުރެއްވި ދަރިވަރުންގެ ސެޓްފިކެޓް ބާކައުންސިލުން ބަލައި ގަނެފައިވާ ނުވާއިރު، މިކަމުގެ ސަބަބުން ތައުލީމާތު ހަސިލް ކުރާ ދަރިވަރުންނަށް ވަރަށްބޮޑު ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. ޚާއްސަކޮށް ބޮޑެތި ޚަރަދުތަކެއްކޮށް ކިޔަވާ ނިންމާފަހުން، ސެޓްފިކެޓް ބަލައި ނުގަންނަކަން އެގުމަކީ މިއަދު އެދަރިވަރުންގެވެސް އެންމެބޮޑު ޝަކުވާއެެވެ.
މިކަމުގެ ކަންބޮޑުވުންފާޅުކޮށް ކުރީގެ ޕީޖީ ވިދާޅުވީ ބާ ކައުންސިލުން ޒިންމާދާރުކަމާއިއެކު މަސައްކަތް ކުރަންޖެހޭކަނަށެވެ. ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ޒިންމާ ކޮޑުގައި އެޅިފައިވާ ފަރާތަކީ ބާކައުންސިލަށްވާއިރު، ވަކި ޔުނިވާސިޓީތަކެއްގެ ސެޓްފިކެޓް ގަބޫލުނުކުރާ ގޮތަށް، ބާކައުންސިލުން ޑިގްރީ ސެޓްފިކެޓް ބަލައިގަންނަ ޔުނިވާސިޓީ ތަކަކީކޮބައިކަން މިއަދު ހާމަކުރަންޖެހޭކަމަށް މުހުތާޒު ވިދާޅުވިއެވެ. މިކަމުގައިވެސް ގޮތް ނިންމުން ރައްޔިތުންގެ މަޖިލީހާއި، މަތިކޮށް މަޖިލީހުން ކޮންމެ ކަމެއް ނިންމުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް ކުރީގެ ޕީޖީ ވިދާޅުވިއެވެ.
މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ގާނޫނީ ޑިގްރީ އަދި އޮކްސްފޯޑް ޔުނިވަރސިޓީގެ ގާނޫނީ ޑިގްރީ @MvBarCouncil އަށް ބަލައިނުގަނެވުނު.ބަލައިގަނެވޭނެ ގާނޫނީ ޑިގްރީތަކުގެ ތަފްސީލު ޔުނިވަރސިޓީތަކާއި އެކު އާންމުކުރެއްވެވުން ބުއްދިވެރި. ކޮންމެ ކަމެއް މަޖިލީހާއި މަތިކުރެއްވުން ރަނގަޅެއްނޫން.
— Muhuthaz Muhusin (@Muhuthaz) November 20, 2020
ސައުދީ ސަރުކާރުގެ ސްކޮލަޝިޕްގައި ކިޔެވި ދަރިވަރުންގެ ތެރެއިން މި މައްސަލަ ދިމާވެގެން އުޅެނީ ތިން ދަރިވަރަކަށެވެ. މި ދަރިވަރުންނަށް ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ބާކައުންސިލުން ދެކޮޅި ހަދާތީ ދީނީ ގިނަ އިލްމުވެރިންގެ ފާޑުވިކުޔުންވަނީ ބާ ކައުންސިލަށް އަމާޒުވެފައެވެ.
ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމާއި، ފަނޑިޔާރުކަން ކުރުމުން؛ އިސްލާމިކް ޝަރީޢާ ކިޔަވާ ފަރާތްތައް އެއްކިބާކޮށް، ޝަރުޢީ ނިޒާމުން ދީނީ ޢިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ ޢިލްމުވެރިން ދުރުކުރުމަށް ކުރަމުންދާ މަސައްކަތަކީ މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާއެއް ކަމުގައި އަލީ ޒާހިރު ނިސްބަތްވާ ޖަމްޢިއްޔަތުއްސަލަފުންވެސް ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ