ކޮންމެ ކުއްޖަކީވެސް ރައްކާތެރި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކޮށްދޭނަން: ނާއިބު ރައީސް

ކޮންމެ ކުއްޖަކީވެސް ރައްކާތެރި މާޙައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކޮށްދޭނަން: ނާއިބު ރައީސް

Author
މުޙައްމަދު ޖިމީ
20 ނޮވެމްބަރ 2020 04:04
0

ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާޙައުލެއް ކަށަވަރުކޮށްދީ، އަމިއްލަޔަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަޤުބަލެއް ހޯދައިދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ނާއިބު ރައިސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ތަސްދީޤުކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ޙައްޤުތަކުގެ ދިފާޢުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަޤާމެއްގައި ތިބި ބައެއް ނޫން ކަމުގައި ވާތީ، ކުޑަކުދިންނަށް އެ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، ސަރުކާރުންނާއި ދަޢުލަތުގެ ބާރުތަކުން އިސްނަގައިގެން އެ ކުދިންގެ ޙައްޤުތަކުގެ ދިފާޢުގައި ބަސްބުނެ، އެ ކުދިންގެ އަބުރަށާއި ކަރާމާތައް އުނިކަމެއް އައުން ނުވަތަ އެ ކުދިންގެ ދުޅަހެޔޮކަމަށް ގެއްލުމެއް ވެދާނެކަމަށް ހުޝިޔާރުވެ ސަމާލުވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީކަމަށް ވިދާޅުވިއެވެ.

އަދި، މި ޤާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް މި ވަނީ ހަރުދަނާ އޮނިގަނޑެއް ލިބިފައިކަމަށާއި، މި ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި، އަސާސުތަށް ވަނީ ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކޮށްދީފައި ކަމުގައި ވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަށް އަލިއަޅުއްވާލައްވަމުން ރަނައިބު ރައީސް ވަނީ ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނަކީ އ.ދ.ގެ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި މިންގަނޑުތަކާ އެއް ގޮތަށް އެކުލަވާލާފައިވާ ޤާނޫނެއްކަން ފާހަގަކުރައްވާފައެވެ. އަދި ދަޢުލަތުގެ އިދާރާތަކުން އެ ޤާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ޗައިލްޑް ރައިޓްސް އޮމްބަޑްސްޕަރސަންއެއްގެ އޮފީސް ވުޖޫދަށް ގެނެސް، އެ އޮފީހުން ސަރުކާރު ޒިންމާދާރުކުރުވައި، ޤައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރެވޭނެކަން ކަށަވަރުކުރުމަށް ލާޒިމްކޮށްފައިވާ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ. އަދި، މި އަސާސުތައް ކަރުދާހަށް ތިރިކުރުމާއި މި އަސާސުތައް ހަޤީޤަތުގައި ތަންފީޒުކުރުމަކީ ތަފާތު ދެ ކަމެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

އަދި، ފަހުގެ ތާރީޚަށް ބެލިކަމުގައިވިޔަސް ވަރަށް ގިނައިން ނޫސްތަކުގެ ސުރުޚީތަކުން ކުޑަކުދިންގެ ޙައްޤުތައް ނިގުޅައިގަނެ އެ ކުދިންގެ ކަރާމާތައް އަރައިގަތުމާގުޅޭ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ އިވެމުންދާކަމަށް ވިދާޅުވެ، މިއީ ކުރިމަތިލާން ޖެހިފައިވާ ހަޑިމުޑުދާރު ހަޤީޤަތެއްކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ކަންކަމާ ޒުވާނުން ފިކުރުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާ ދޭތެރޭ ވިސްނަންވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.