ހއ ދިއްދޫ ފަޅު ހިއްކައިގެން އެރަށުގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީން ދިއްދޫގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ގޮނޑި އެމްޑީޕީ އަށް ދިނީ ވަރަށް އުއްމީދުތަކަކާ އެކުގައި ކަމަށް ވިޔަސް، ރައްޔިތުންގެ އެ އުއްމީދުތަކުގައި ކުލަ ނުޖެހުނު ކަމަށެވެ. އެ ރަށަށް ކޮށްދޭން ޖެހޭ އެއްވެސް ކަމެއް މި ސަރުކާރަށް ކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެ ނަމަ ދައުރު ނިމޭނީ ދިއްދޫގައި އެއާޕޯޓެއް އެޅުމަށްފަހު ކަމަށެވެ.
އަޅުގަނޑުމެންގެ މުޅި ކަޅުފޮއި މޫސުން ނިންމުމުގެ އުފާވެރިކަން އަޅުގަނޑުމެނަށް މިންވަރުކުރަށްވައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ފަސް އަހަރެއްގެ ދައުރު ދެން ނިމިގެންދާނީ ހަމަގައިމުވެސް ދިއްދޫ ފަޅު ހިއްކާފަ އެއާޕޯޓެއް އަޅައިދީފަ.
– ރައީސް ޔާމީނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ އައިލެންޑް އޭވިއޭޝަން ހިންގަމުންދާ ގޮތަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާން ވިދާޅުވީ، 2018 ވަނަ އަހަރު ނިމިގެންދިޔައިރު ވެސް އައިލެންޑް އޭވިއޭޝަނަކީ ސަރުކާރަށް ފައިދާ ދައްކަމުން ދިޔަ ކުންފުންޏެއް ކަމަށާއި ނަމަވެސް މި ސަރުކާރު އައިފަހުން އެކަން ވެސް ބަދަލުވެފައިވާ ކަމަށެވެ.
ޕީޕީއެމަށް ދެން ވެރިކަން ލިބިއްޖެ ނަމަ ސަރުކާރުގެ ފުރަތަމަ ދުވަސް ވެސް ފަށާނީ ތަންފީޒީ އެޖެންޑާއަކުން ކަމަށާއި ކަންކަން ދިރާސާކޮށް، ވަގުތު ނަގާލަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވިއެވެ. ކުރިން ފައިދާ ނެރެމުންދިޔަ ކުންފުނި މިހާރު ހިންގަން ޖެހެނީ ގެއްލުމުގައިކަމަށާއި، ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރަމުން އަންނަ ބޯޓު ފަހަރުގެ އަދަދު ވެސް މިހާރު މަދުވެއްޖެ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.
ޔާމީންގެ ވެރިކަމުގައި ހދ. ކުޅުދުފުއްޓާއި ނ. މާފަރާއި ދ. ކުޑަހުވަދޫ އާއި ށ. ފުނަދޫ އަދި ޅ. މަޑިވަރުގައި ވެސް އެއާޕޯޓެއް ހެދިއެވެ. ރާއްޖޭގެ ރަސްމީ ވައިގެ ބަނދަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެންމެ ބިޔަ މަޝްރޫއު ވެސް ފެއްޓެވީ ޔާމީންގެ ވެރިކަމުގައެވެ.