ޤާޟީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖޭއެސްސީން ނިންމައިފި

ޤާޟީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖޭއެސްސީން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
19 ނޮވެމްބަރ 2020 08:09
0

ޑްރަގް ކޯޓުގެ ޤާޟީ އާދަމް އާރިފްއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުޤީގު ކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ ޑްރަގް ކޯޓުގެ ޤާޟީ އާދަމް އާރިފްއާ ގުޅޭ ގޮތުން ޖޭއެސްސީން ތަހުޤީގު ކުރި ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި އެކޮމިޝަންގެ 87 ވަނަ ބައްދަލުވުމުގައި ކަމަށެވެ. ނަމަވެސް މިމައްސަލައިގެ ނިންމި ގޮތުގެ މާބޮޑު ތަފްސީލެއް ޖޭއެސްސީން ހާމަކޮށްފައި ނުވެއެވެ.

ޖޭއެސްސީން ވަނީ ޤާޒީ އާދަމް އާރިފް އާއި ގުޅޭގޮތުން ދެތިން ފަހަރެއްގެ މަތީން އެކި ސުލޫކީ މައްސަލަތައް ބަލާފައެވެ.

ޖޭއެސްސީ އިން ޤާޒީ އާދަމް އާރިފް އާއި ގުޅޭގޮތުން ސުލޫކީ މައްސަލަތަކެއް ބަލަން އެންމެ ފަހުން ފަށާފައިވަނީ މިއަހަރު މާރޗް މަހުގެ ތެރޭގައެވެ. އެދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަންގެ ގާނޫނުގެ 22.1 ވަނަ މާއްދާގެ (ބ)ގެ ދަށުގައިވާ ފަދައިން، މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީއިން ބެލުމަށްފަހު، ކޮމިޝަނުގެ ބައްދަލުވުމަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ކޮމިޓީއިން ބަލަން ނިންމާފައިވާ މައްސަލައެއްގެ ތަހުގީގު ކޮމިޓީ އެކުލަވާލި ކަމަށެވެ.

ތަހުގީގު ކޮމިޓީ އެކުލަވާލާފައިވަނީ ޑްރަގް ކޯޓުގެ ގާޒީ އާދަމް އާރިފްގެ ސުލޫކީ މައްސަލަ ބެލުމަށްކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގައިވެސް އާދަމް އާރިފްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.

މިދިޔަ އަހަރުގައި ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖޭއެސްސީއިން ބުނެފައިވަނީ ގާޒީ އާދަމް އާރިފް ޑްރަގް ކޯޓަށް ބަދަލުކުރެއްވި ދުވަސްވަރުގައެވެ. އޭގެ ކުރިން ގާޒީ އާރިފް ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.