ސިފައިންގެ ޚިދުމަތާ އަލަށް ގުޅުނު ސިފައިން ތަމްރީނު ކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކްއޯޓަރޒް ޅ.މާފިލާފުށީގައި ޤާއިމުކޮށްފައިވާ "ދަ ބޭސިކް ސްކޫލު" ގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވައި ކޯހުގެ ދަރިވަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
68 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޤާސިމް އަރުޒަން ޝަކީބެވެ. ޝަހީދު އަލިރަސްގެފާނު ކޮމްޕެނީގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް ޔައީޝްއެވެ. އަދި ޝަހީދު ޙުސައިން އާދަމް ކޮމްޕެނީގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް މުޙައްމަދު މުއާދެވެ.
މި ކޯހުގައި އަމާޒަށް ބަޑިޖެހުމުން އެއްވަނަ ހޯދައިގެން މޭޖަރ އިނގިރޭސި އުމަރު މަނިކުގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް އަޙްމަދު އާރިފެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ، ކޮމާންޑަރ މޮޓަރ ޙަސަން މަނިކުގެ އެވޯޑް ހާސިލްކުރީ ޕްރައިވެޓް މުޙައްމަދު މުއާދެވެ. އަދި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށްދޭ، ކޮމާންޑަރ އިސްމާޢީލް ދީދީގެ އެވޯޑް ހާސިލްކޮށްފައިވަނީ ޕްރައިވެޓް މޫސާ ޔާނިޝްއެވެ. މަޒުމޫނު ލިޔުމުން އެއްވަނަ ހޯދައިގެން، މޭޖަރ ރިޓަޔަރޑް ޙުސައިން ޝާކިރުގެ އެވޯޑް ހާސިލުކުރީ ޕްރައިވެޓް މާޢިން މުޙައްމަދެވެ. ކޯހުގެ ބެސްޓް ޕްލެޓޫންގެ މަޤާމު ލިބިފައިވަނީ ޝަހީދު އަލިރަސްގެފާނު ކޮމްޕެނީގެެ 4 ވަނަ ޕްލެޓޫނަށެވެ.
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި. ޅ.މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ. https://t.co/tSE5WvuQxV pic.twitter.com/QYtiR2t8fg
— Maldives National Defence Force (@MNDF_Official) September 25, 2022
މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނަށް އަޒުމް ލައިދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދެވެ. ރަސްމިއްޔާތު ނިމިގެންދިޔައީ ސިފައިންގެ ލަވައާއި ޤައުމީ ސަލާމަށްފަހު 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ފާސްވެ ހިނގައިދިޔުމުންނެވެ. 68 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ދަސްވެނިވެފައިވަނީ 185 ދަރިވަރުންނެވެ. އެއީ 168 ފިރިހެން ދަރިވަރުންނާއި 17 އަންހެން ދަރިވަރުންނެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާއެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމުގެ މައްޗަށެވެ.
26 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޯހުގައި އުނގަންނައިދެވުނު މާއްދާތަކުގެ ތެރޭގައި އަސްކަރީ ތާރީޚް، ސިފައިންގެ ޤަވާޢިދު، ސިފައިންގެ ކޯޑް އޮފް އެތިކްސް، ސިފައިންގެ ވެލިއުސް އެންޑް ކަސްޓަމްސް، ހެވިކަން، ފިޒިކަލް ޓްރެއިނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ފީލްޑް ކްރާފްޓް އެންޑް ޓެކްޓިކްސް އަދި އާންމު ޤާނޫނުތަކުގެ ބައެއް މުހިންމު ބައިތަކުގެ އިތުރުން ކުލޯސް ކޮމްބެޓްއާއި ޕަބްލިކް އޯޑަރ ޓްރެއިނިންގ ހިމެނެއެވެ.
68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.