ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭ ދޭއްގައި ޗެކް ރިޕަބްލިކް ބަލިކޮށް މުބާރާތުގެ ފައިނަލާ ގާތަށް ޕޯޗުގަލް ޖެހިލައިފިއެވެ.
ޗެކް ރިޕަބްލިކުގައި ކުޅުން މި މެޗް ޕޯޗުގަލް ކާމިޔާބުކުރީ 4-0 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޕޯޗުގަލުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާދިނީ ޑިއޮގޯ ޑާލޮޓް އެވެ. އަދި ބްރޫނޯ ފެނާންޑޭޒް ވަނީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލަނޑެއް ޖަހާ ޕޯޗުގަލްގެ ލީޑު ފުޅާކޮށްދީފައެވެ.
ޕޯޗުގަލުން މި މެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 52 ވަނަ މިނެޓްގައި ޖަހާދީފައިވަނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޑާލޮޓްއެވެ. އަދި ފަހު ލަނޑު 82 ވަނަ މިނެޓްގައި ޖަހާދިނީ ޑިއޮގޯ ޖޮޓާއެވެ. މި މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޗެކް ރިޕަބްލިކަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް ޕެޓްރިކް ޝިކް ފޮނުވާލި ޕެނަލްޓީ ކާމިޔާބުވާގޮތެއް ނުވިއެވެ.
މި ކާމިޔާބީއާއެކު ފަހު މެޗަށް ނިކުންނައިރު ޕޯޗުގަލްއަށް މިވަނީ ގްރޫޕް އޭ ޓޫގައި ދެ ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އަދި ފަހު މެޗްގައި ސްޕެއިން އާއި ބައްދަލުކުރާއިރު އެ މެޗުން ބަލިނުވެ ފަރު ޖައްސާލެވިއްޖެނަމަ ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލްއަށް ޖާގަ ލިބިގެންދާނެއެވެ. އަދި މި ނާކާމިޔާބީއާއެކު ޗެކް ރިޕަބްލިކް ވަނީ ގްރޫޕްގެ އެންމެ ފުލަށް ވެއްޓިފައެވެ. އަދި ފަހު މެޗްގައި ސްވިޓްޒަލަންޑާއި ބައްދަލުކުރާ މެޗު ކާމިޔާބު ނުކުރެވިއްޖެނަމަ އެޓީމް ލީގު ބީއަށް ރެލިގޭޓުވާނެ އެވެ.